ދެން އޮންނަ އިންތިހާބެއްގައި ވާދަކުރަވަން ނިންމަވާނީ ވެރިކަމުގެ ނިޒާމް ބަދަލުކުރެއްވުމަށްފަހު ކަމަށާއި މިކަމުގައި ކުރިއަށްދާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފަޔާއެކު ކަމަށް ކުރީގެ ރައީސް މުހައްމަމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިއްޓަވިއުއްގައި އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް މަޝްވަރާތައް ފެށުމަށް ރައީސް ސޯލިހު ވިދާޅުވިކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިކަމުގައި މަޝްވަރާކޮށްގެން ހައްލެއް ހޯދުމާއި ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ޖެހިއްޖެ ނަމަ އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު ގާނޫނު އަސާސީ އެކުލަވާލީ ވެސް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމަވައި ރިޔާސީ ނިޒާމަށް ކަންކަން ފުރޮޅާލެއްވީ ކަމަށެވެ. ފާއިތުވި 12 އަހަރު ރިޔާސީ ނިޒާމު ހިނގި ގޮތަށް ބަލާއިރު ފުށޫ އަރާ އެތައް ކަމެއް އެބަހުރި ކަމަށްވެސް ފާހަގަކުރެއްވި އެވެ.
"މި ގާނޫނުއަސާސީ 12، 13 އަހަރު ދުވަސް ވަންދެން ތަންފީޒުކުރި އިރު، އޭގައި ހިޔާލު ތަފާތުވުންތައް ހުރިކަން ވަރަށް ސާފުކޮށް އެނގިގެން ހިނގައްޖެ. އަޅުގަނޑު މި ހުށަހަޅަނީ، ބާރުތައް މަޖިލީހާއި މިނިސްޓަރުންނަށް ހިއްސާ ކުރެވޭނެ އުސޫލެއް. އަދި ދެ ބާރު ނޯންނާނެ އުސޫލެއް. އޭރުން ވެރިކަން ތަރުތީބު ކުރެވި، އޮމާންވެގެން ދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ވާދަ ކުރައްވާ ނަމަ އެކަންވެސް ކުރައްވާނީ ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމަށް ކަމަށެވެ. އަދި އެކަމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއްވެސް ނަގަން ޖެހިދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ސިޔާސީ ކޮންމެ އިންތިހާބެއްގެ މަގުސަދަކަށް ވާނީ މެންޑޭޓް ބަދަލުކުރުން. އެއީ ރިފަރެންޑަމަކަށްވެސް ވެދާނެ. ރިޔާސީ އިންތިހާބެއް ކަމަށްވެސް ވެދާނެ. އަޅުގަނޑު ކުރާ ކަމެއްގައި، މަސައްކަތް ކުރާނީ މެންޑޭޓް ބަދަލުކުރުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ބައްދަލުކުރައްވައި އިއްޔެ ވަނީ މަޝްވަރާ ވެސް ކުރައްވާފަ އެވެ.