ސަރުކާރުގެ ސޮވެރިން ގެރެންޓީ ފަސޭހައިން ލިބޭނެ އުސޫލު ގާއިމްކުރުމަށް ރައްޔިތުންގެ މަޖިލިޙުން ބާރު އެޅުންއެދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅައިފި އެވެ.
ޖާބިރު ހުށައެޅުއްވި މައްސަލައިގައި ވަނީ ރާއްޖޭގެ އިގްތިސާދަށް މުހިއްމު ބޮޑެތި ކުންފުނިތަކަށް ސޮވެރިން ގެރެންޓީ ހަމަޖެހެން ޖެހޭނެ ކަމަށެވެ. އިގްތިސާދަށް ފައިދާ ކުރަނިވި ބޮޑެތި ކުންފުނިތަކުން ބޭނުން ކުރަމުންދާ ގިނަ ބިންތަކުގެ މިލްކުވެރިކަން އޮތީ ސަރުކާރުގެ އަތުގައި ކަމަށާއި ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި ހިނގަމުންދިޔަ ވިޔަފާރީގެ ބޮޑެތި ޕްރޮޖެކްޓްތައް ހުއްޓި، ރާއްޖޭގައި އިންވެސްޓް ކޮށްގެން ތިބި ވިޔަފާރިވެރިންނާއި ދިވެހި އެތައް ރައްޔިތުންގެ ބަނޑުފުރާނަ މުއްތި ކުރުމާއި ގުޅިފައިވާ އެތައް ކުންފުނިތަކަކަށް ފޫނުބެއްދޭވަރުގެ ގެއްލުންވަމުން ދާކަމަށެވެ.
އަދި ސަރުކާރުގެ އަމަކުތައް ހުރީ އިގްތިސާދަށް އިތުރަށް ގެއްލުންދެނިވި އުސޫލުން ކަމަށެވެ. ދިވެހިރާއްޖޭގެ ސަރުކާރާއެކު ވެފައިވާ ހަމައެކަނި އެއްބަސްވުކަމަށް ބަލައިގެން ބޭންކުތަކުން ޕްރައިވެޓް ކުންފުނި ތަކަށް ލޯނު ދޭން ޖެހިލުންވާ ކަމަށާއި ފައިނޭންސް ހޯދުމަށް ނިހާޔަތަށް އުނދަގޫވާ ކަމަށާއި ރާއްޖެެއިން ބޭރުން ފައިނޭންސް ހޯދުން ނޫންގޮތެއް ދިވެހި ކުންފުނިތަކަށް ނެތް ކަމަށެވެ.
އެހެންކަމުން އިގްތިސާދީ ގޮތުން މި އުނދަގޫ ދަނޑިވަޅުން އަރައިގަތުމަށްޓަކައި މީގެ ކުރިންވެސް ސަރުކާރުން އަމަލުކޮށްފައިވާ ފަދައިން ރަހުނުގެ ގޮތުގައި އަގުބޮޑެތި މުދާ ބެހެއްޓުމުގެ ގާބިލިއްޔަތު ހުރި އަދި އެހެންވެސް ޝަރުތުތައް ފުރިހަމަވާ ޕްރައިވެޓް ކުންފުނިތަކަށް ފަސޭހަ ކަމާއެކު ދިވެހި ސަރުކާރުގެ ސޮވެރިން ގެރެންޓީ ހަމަޖެހޭނެ އުސޫލު ގާއިމް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ބާރުއެޅުމަށް ޖާބިރު ހުށައަޅާފައިވެ އެވެ.
ޖާބިރު ހުށައެޅުއްވި މައްސަލަ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށްވަނީ އެޖެންޑާ ކޮށްފަ އެވެ.
ޖާބިރުވަނީ މީގެ ކުރިން ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ސޮވެރިން ގެރެންޓީ ލިބޭނެ ގޮތް ހެދުމަށް އެދިވެސް މަޖިލީހަށް ގަރާރެއް ހުށަައަޅާފަ އެވެ.