މި މަހުގެ ހަތަރު ވަނަ ދުވަހު އިފްތިތާހުކުރި ސްޓެލްކޯގެ ވޯކްޝޮޕް "ސްޓެވޯ"އިން އެސެމްބަލް ކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރު ސެޓް އދ. ހަންނާމީދޫއަށް ގެންގޮސްފި އެވެ.
ސްޓެލްކޯއިން ބުނީ މިޖަނަރޭޓަރު ސެޓަކީ 300kVA ގެ STW300 މޮޑެލްގެ ޖަނަރޭޓަރު ސެޓެއް ކަމަށެވެ. ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން ވަނީ STW ގެ ތިން މޮޑެލްއެއްގެ ޖަނަރޭޓަރުސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފަ އެވެ. އެއީ STW600، STW300، އަދި STW800 އެވެ. މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަށްވެސް، ލޯކަލް ވޮރަންޓީއާއި، އާފްޓަ ސޭލްސް ސާވިސްގެ އިތުރުން ކަސްޓަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ވެސް ސްޓެވޯއިން ފޯރުކޮށްދޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ހިދުމަތުގައި 70 އަހަރުގެ ދިގު ތާރީހެއް އޮތް ސްޓެލްކޯގެ އިންޖިނިއަރުންނަކީ މި ރާއްޖޭގައި އެންމެ ތަޖުރިބާކާރު އިންޖިނިއަރުންނަށް ވެފައި، ކަސްޓަމަރުންނަށް އެންމެ އެދެވޭ ހިދުމަތް ދެވޭނެ ކުންފުންޏަކީ ސްޓެލްކޯކަން މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވަނީ ވޯކްޝޮޕް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފާހަގަ ކުރައްވާފަ އެވެ. އަދި އެ ޖެނެރޭޓަރަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖެނެރޭޓަރުތަކާ އެއް ފެންވަރުގެ ޖެނެރޭޓަރެއް ކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ޖެނެރޭޓަރެއް ކަމަށްވެސް މުޣުނީ ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ސްޓެލްކޯގެ ވޯކްޝޮޕުން އާފްޓާ ސޭލްސް ސާވިސް ލިބިގެންދާނެ ކަމަށާއި، ދިމާވާ ކޮންމެ މައްސަލައެއް ހައްލުކޮށްދީ، ބަދަލުކުރަން ޖެހޭ ސްޕެއާ އެއް ހުރިނަމަ ސްޓެލްކޯގެ އިންޖިނިއަރުން ގޮސް ބަދަލު ކޮށްދޭނެ ކަމަށްވެސް މުޣުނީ ވަނީ ވިދާޅުވެފަ އެވެ.