ކޮންމެ އިންސާނަކީ ވެސް މިދުނިޔެއަށް އިމްތިހާނަކަށް ފޮނުވޭ މީހެއްކަމާއި މެދުގައި އެއްވެސް ޝައްކެއް ނެތެވެ. އިންސާނާ އުފަންވާނެ ގޮތާއި މަރުވާނެ ގޮތް މާކުރިންވެސް ލިޔެވިގެންވެ އެވެ. އެނާ ދުނިޔޭގައި އުޅޭނެ ގޮތާއި އެމީހެއްގެ ތަނަވަސްކަމާއި، ރިޒުގުން ފެށިގެން އެމީހަކު އިމްތިހާނު ކުރެވޭނެ ގޮތާއި އޭނާ ނިމިދިއުމާއި ހަމައަށް އަމަލު ކުރާނެ ގޮތް ވަނީ މާކުރިންވެސް ލިޔެވިފަ އެވެ.
މިކަން ދެނެހުރެވެސް އިންސާނުންގެ ތަބީއަތުގައި ވާފަދައިން ގިނަ މީހުންނަކީ މާލީގޮތުން ތަނަވަސްކަން ނެތުމާއި ގުޅިގެން ހިތާމަކޮށް، ވިސްނައި ފިކުރު ކުރާ މީހުންނެވެ. އެއްބަޔަކު ފައިސާ ހޯދުމަށް މިންނެތް މަސައްކަތް ކުރާއިރު، އަނެއް ބަޔަކު އެ ހޯދުމަށް އަރައިގަންނަނީ ފާފަތަކަށްށެވެ.
ކޮންމެ އިންސާނަކު ވެސް ހަނދާންކުރަންޖެހޭ އެއްކަމަކީ، ދުނިޔޭގެ ކޮންމެ ދަތިކަމަކާއި ތުރާލަކަށް އެންމެ ރިވެތި އިސްލާމް ދީނުގައި ކަންތައް ކުރަންވާ މޫރިތި ނަމޫނާތައް ކިޔައިދެއްވާފައިވާކަމެވެ. މުޅި އާލަމާއި ކާއިނާތުގެ ވެރި ﷲ ސުބުހާނަހޫ ވަތައާލާ، އަކީ މި ދުނިޔެއާއި ދުނިޔޭގައި ލެއްވި ހުރިހައި އެއްޗެއްގެ ވެރި އިލާހުކަމެވެ. މުދަލާއި ފައިސާގެ މިލްކުވެރިއަކީވެސް ހަމަ އެކަލާނގެ ކަމެވެ.
ތިމާ ދުނިޔެއަށް އުފަންވި އިރު އަތުގައި އޮތީ ކޮން މުދަލެއްތޯ ސުވާލު ކުރާށެވެ! ކޮންމެ އިންސާނަކުވެސް ދުނިޔެއަށް އުފަންވީ އެއްވެސް މުދަލެއް ނެތި އެވެ. އުފަންވުމުން ފޭރާންވެސް ލައްވަނީ އެމީހެއްގެ މައިން ބަފައިން ނުވަތަ އެހެން މީހެކެވެ. އެފަދައިން އިންސާނާ ހެދި ބޮޑުވާއިރު އެކި ހަރަދުތައް ކުރުމަށް ބޭނުންވާ ފައިސާ ލިބި އަދި ނެތި ދާތަނަކީ ގިނަ ބަޔަކު ތަޖުރިބާކޮށްފައިވާ ކަންކަމެވެ.
އެއަށްފަހު އިންސާނާ ދުނިޔެއާއި ވަކިވެ ދަނީވެސް ހަމަ ހުސް އަތާ އެވެ. ކިތަންމެ ރީތި، ނުވަތަ އަގުބޮޑު ފޭރާމެއް ލައިގެން ހުރިނަމަވެސް އެ ބާލުވައި ހިނަވައި ކަފުން ކުރަނީ އެހެން ބަޔެކެވެ. އެހެން ފޭރާމެއް ލައްވާފަ އެވެ.
ހަމައެހެންމެ އެމީހަކު ދުނިޔެމަތީގައި މުދަލާއި ފައިސާ ބޭނުންކުރާ ގޮތާއި މެދުގައި ހިސާބު ބެއްލެވޭނެކަމަކީ ވެސް ޝައްކެއްނެތް ކަމެކެވެ. ފާއިތުވި އަހަރުތަކުގައި ދުނިޔެއަށް ކުރިމަތިވި ބަލިމަޑުކަމަކީ މާލީގޮތުން އެތަކެއް ބަޔަކަށް ދަތިކަމާއި ކުރިމަތިލާން ޖެހުނު ދުވަސްތަކަކަށް ވެގެންދިޔަ އެވެ.
ހަގީގަތަކީ މިއަދުގެ މި މުޖުތަމައުގައި އަޅުގަނޑުމެން އެންމެންނަށް ވެސް ގުނަން ޖެހިފައި މިވަނީ ވަރަށްވެސް ތަފާތު ދުވަސްތަކަކާ އެވެ. އެކި މީހުންނަށް ތަފާތު އެކި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާއިރު، އެމީހެއްގެ ދަތިތަކާއި ހިތާމަތައް އެހެން މީހަކަށް ކުރިމަތިވެފައިނުވާހައި ހިނދަކު، އެކަމުގައި ކުރާ އަސަރަކީ މިއަދު ކިޔައިދީ، ދޭހަކޮށްދީގެން ބަޔާން ކޮށްދެވޭ ކަންކަމެއް ނޫނެވެ.
އެހެންނަމަވެސް މިފަދަ ކަންކަން ދިމާވާ ހިނދު އެންމެ ފުރަތަމަ ކުރަންޖެހޭ ކަންކަމުގެ ގޮތުގައި އިސްކަން ދިނުމަށް އިސްލާމް ދީނުގައި އަންގަވާފައިވަނީ އެފަދަ ކަމެއް ދިމާވުމުން އެކަލާނގެއަށް ޝުކުރު ކުރުމެވެ. މިކަން މިފަދައިން ކުރަން ޖެހޭކަން މަދު ބަޔަކަށް އެނގުމަކީ ހިތާމަ ހުރި ކަމެކެވެ. އަދި 'ދެރަކަމެއް ދިމާވާ ހިނދު އެކަލާނގެއަށް އެއިން މިންޖުކޮށްދިނުމުގެ ބަދަލުގައި ޝުކުރު އަދާކުރުން މުހިންމު ވަނީ ކީއްވެތޯ؟' އަކީ ގިނަ ބަޔަކަށް ޔަގީނުންވެސް އުފެދޭނެ ސުވާލެކެވެ.
މާތް ﷲ ވަހީކުރައްވާފައިވެ އެވެ.
މި އާޔަތުގައި މާތް ﷲ އިންސާނުންނަށް ނަސޭހަތްތެރިވެފައިވަނީ އެކަލާނގެއަށް ޝުކުރު ކުރުމަށްށެވެ. އަދި އެކަލާނގެއަށް ޝުކުރު ކޮށްފިނަމަ އިންސާނުންނަށް އިތުރުކޮށްދެއްވާނެކަމަށް ވަހީކުރައްވާފައިވެ އެވެ.
އިންސާނާއަށް ތަނަވަސްކަން ދަތިވާހިނދު އެކަލާނގެއަށް ޝުކުރުކުރަންވީ ސަބަބުތައް އެހައިވެސް ގިނަ އެވެ. އޭގެ ތެރެއިން މުހިންމު އެއްކަމަކީ، ތިމާއަށް ވުރެއް ހާލުގައި އުޅޭ މީހުންގެ ހާލަށް ބެލުމެވެ. އަދި އެމީހުންގެ ހާލަށް ބަލައި އެކަން ތަޞައްވަރުކޮށް، އަމިއްލަ ހާލަތަށް ޝުކުރު ކުރުމެވެ. މިދުނިޔޭގައި ތިމާއަށް ވުރެ ހާލުގައި ދިރިއުޅޭ މީހުން ތިބިކަން ވިސްނުމެވެ. އެބައެއްގެ ފުރާނައަށް ނުރައްކާވާ ހިސާބުގައިވެސް ބަޔަކު މިއަދު ތިބިކަން ވިސްނުމެވެ.
އަޅުގަނޑުމެންނަށް ﷲ ސުބުހާނަހޫވަތައާލާ ދެއްވާފައި ވަނީ ގުނައި އަދަދު ނުކުރެވޭވަރު ނިއުމަތްތަކެކެވެ. އެ ނިއުމަތްތަކަށް ޝުކުރު ކޮށް، ކުރެވިފައިވާ ފާފަތަކަށް ތައުބާވެ، އެކަލާނގެ ހަޞްރަތުން ކުއްތަންވާންޖެހެ އެވެ. ދުނިޔެ އާއި ދުނިޔޭގައި ވާހައި މުދަލާއި ފައިސާ އަކީ ވަގުތީ އެއްޗެއްކަމާއި، އަބަދާއި އަބަދުގެ މަންޒިލް ބާއްޖަވެރިކުރުމަށް ކުރެވެންހުރި ހުރިހައި ކަމެއް ކުރަން ޖެހެ އެވެ.
ކިތަންމެ ތަނަވަސްކަމެއް ލިބިފައިވާ މީހެއްގެ މުދާވެރިކަން، ހިނދުކޮޅެއްގެ ތެރޭގައި އެމީހެއްގެ އަތުން ނެންގެވުމުގެ ކުޅަދާނަކަން އެކަލާނގެއަށް ލިބިގެންވެ އެވެ. އަދި އަތުގައި އެއްވެސް އެއްޗެއް ނެތްހިނދު، ހިޔާލު ނުކުރެވޭހައި ބޮޑެތި ނިއުމަތްތަކާއި ތަނަވަސްކަން ދެއްވުމުގެ ކުޅަދާނަކަންވެސް ލިބިގެންވަނީ ހަމައެކަނި އެކަލާނގެއަށެވެ.