ހާސްވެ ކަންބޮޑުވާ ފަހަރު ހާސްކަންމަތީ ހުރެގެން އެކި މީހުން އެކި ކަންތައް ކުރެ އެވެ. ހާސްވެފައި ހުރި ވަގުތެއް ނަމަ ފުރަތަމަ ރަނގަޅު ގޮތަކީ ހާސްކަން ފިލުވާލުމެ. މިފަދަ ހާލަތްތަކުގައި ހާސްކަން ފިލައި ދަންދެން ސަމާލުވާންވީ ބައެއް ކަންކަމަށް ބަލާލާނަމެވެ.
ގިނައިން ނުކެއުން
މިއީ ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ. ދެރަވުމުން ނުވަތަ ރުޅި އައުމުން ދެވޭނީ ކޮންމެވެސް ކާއެއްޗަކާއި ދިމާއަށެވެ. ހާއްސަކޮށް ތައްޔާރީ ކާނާ، އެނާޖީ ޓްރިކްސް ނުވަތަ އައިސްކްރީމް ފަދަ އެއްޗެހި ބޭނުން ކުރެވެ އެެވެ. އެގޮތަށް ކާއެއްޗެއް ބޭނުން ކުރުމުން ހާސްކަން ފިލާކަމަށް މިފަދަ މީހުން ބުނެ އެވެ. އެހެންނަމަވެސް މިއީ ސިއްހީ ގޮތުންވެސް ގެއްލުން ހުރި ކަމެކެވެ. ހަށިގަނޑު ފަަލަވެ އަބަދު ވަރުބަލިވަގޮތް ދިމާވެދާނެ އެވެ. އަދި އެނާޖީ ޓްރިންސްތައް މާގިނައިން ބޭނުން ކުރުމުން ހަޖަމްކުރާ ނިޒާމަށް ގެއްލުން ލިބެ އެެވެ.
ހުރިހާކަމެއްގެ ނުރަނގަޅު ފަރާތް ދެއްކުން
ގިނަ ފަހަރަށް މިހެން ވަނީ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ކުޑަވުމުންނެވެ. ދަތި ވަގުތެއްގައި ތިމާގެ ރައްޓެހިން އާއިލާ މީހުން ދޭ ހިޔާލަށް ނުވަތަ ނަސޭހަތަށް ތާއިދު ނުކުރެވޭ ގޮތް ދިމާވަނީ ތިމާއަށް އެކަމެއް ނުވާނޭ ހިތަށް އަރާފަ އެވެ. މިހެން ވުމުން އެެކަމެއްގައި ތިމާއަށް ލިބޭ ފައިދާއަށް ވުރެ ބޮޑަށް ލިބިދާނެ ގެއްލުމަކަށް ވިސްނޭތަން އާދެ އެވެ. ނުވަތަ ކުރިން ދިމާވެފައިވާ ހާދިސާއަކާއި މިހާރުގެ ހާލަތު ގުޅުވޭ ތަން އާދެ އެވެ. އެހެންނަމަވެސް ވިސްނަންވީ ކަމަކީ ހާލަތާއި ވަގުތަކީ ބަދަލުވާ އެއްޗެއް ކަމުން އަބަދު އެއްގޮތެއް ނުވެދާނެ ކަމެވެ.
އެހެން މީހުންނަށް އިތުބާރު ނުކުރުން
އެެކަކަށް އޮތް އިތުބާރު ގެއްލިއްޖެ ނަމަ ދެން ތިބޭ މީހުންނަށް ވެސް އިތުބާރު ގެއްލޭ ގޮތްވެ އެވެ. އެހެންވުމުގުގެ ސަބަބުން ދިމާވާ ކަންކަން އެެހެން މީހުންނާ ހިއްސާކޮށް ހިޔާލު ހޯދުމުގެ ބަދަލުގައި ސިއްރުކުރެވޭ ތަން އާދެ އެވެ. ނަމަވެސް އޭގެ ބަދަލުގައި ރަނގަޅީ ހާސްވެ ސްޓްރެސްވާ ދަނޑިވަޅުތަކުގައި ވެސް އިތުބާރު ކުރެވޭ މީހަކަށް ތިބާގެ އިހުސާސްތައް ކިޔައިދީ އެ އިހުސާސްތައް ބޭރު ކޮށްލުމެވެ