ލޯ ކައިރި ކަޅުވުމަކީ ގިނަ މީހުން ދިމާވެފައިވާ ކަންބޮޑުމެކެވެ. އަދި މޫނުގެ ރީތިކަން ދެމެހެއްޓުމަށް ލޯ ކައިރި ރީތިކޮށް ހުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ހާއްސަކޮށް ގިނަ އަންހެންވެރިން ގަބޫލުކުރެ އެވެ.

ލޯ ކައިރި ކަޅުވުމަށް ދިމާވާ އެތަކެއް ސަބަބުތަކެއް ހުރެދާނެ އެވެ. އޭގެތެރެއިން ރަނގަޅަށް ނިދި ނުލިބުން، އަވީގައި ގިނައިރު މަސައްކަތް ކުރުމުން ނުވަތަ ހަންގަނޑާ ނުގުޅޭ މޭކަޕެއް ބޭނުން ކުރެވެމުންވެސް މިކަން ދިމާވުން އެކަށީގެންވެ އެވެ.

އެގޮތުން މި ލިޔުމުގައި މި ބަލާލަނީ އަދައިގެ މަތިން ބޭނުންކުރެވޭ ބައެއްތަކެތިން ކަޅުވެފައި ހުންނަ ލޯކައިރި އަލިކުރަށް ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.

ޓޮމާޓޯ

ޓޮމާޓޯގައި ގުދުރަތީގޮތުން ހަންގަނޑު ރީތިކޮށް މަޑުކޮށްދޭ މާއްދާތަކެއް ހިމެނެ އެވެ. އެގޮތުން ޓޮމާޓޯ ދިޔައިގެ ތެރެއައް ކުޑަ ލުނބޯ ހުތް ކޮޅެއް ފެލާލުމަށްފަހު ލޯކައިރި ކަޅުވެފައި ހުރި ހިސާބުގައި އުނގުޅާލާށެވެ. އަދި 10 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ފެނުން ދޮވެލާށެވެ. މިގޮތަށް ދުވާލަކު ދެފަހަރު ހެދުމުން ލޯކައިރީގެ ކަޅުކަން ކުޑަވެ އަލިވުމަށް އެހީވެގެންދާނެ އެވެ.

އަލުވި

އަލުވި ދިޔައިގެ ތެރެއަށް ކަފަކޮޅެއް ތެއްމާލުމަށްފަހު ކަޅުވެފައި ހުރި ހިސާބު ފޮރުވޭ ވަރަށް ލޯމަތީގައި ބާއްވާލާށެވެ. އަދި އަދި 10 މިނެޓް ކޮށްފައި ފެނުން ދޮވެލާށެވެ.

ސައިފަތް

ސައިފަތް ކޮތަޅެއް ބޭނުންކޮށްގެން ވެސް ލޯ ކައިރި ކަޅުވުމުން ދުރުކޮށްލެވިދާނެ އެވެ. އެގޮތުން ޓީބޭގް ފެނުން ފޯކޮށްލައި ފްރިޖަށްލައި ފިނިކޮށްލުމަށްފަހު ލޯމަތީގައި ބާއްވާލާށެވެ.

ކިރު

އާދައިގެ ދިރިއުޅުމުގައި ބޭނުން ކުރެވޭ ކިރަކީ ވެސް ލޯކައިރި ކަޅުވުމަށް އޮތް ވަރަށް ރަނގަޅު ހައްލެކެވެ. އެގޮތުން ފިނިކޮށްފައި ހުރި ކިރު ތައްޓެއްތެރެއަށް ކުޑަކަފަކޮޅެއް ތެއްމާލައި ލޯކައިރީގައި އިރުކޮޅަކު ބާއްވާލުމަށް ފަހު ފެނުން ދޮވެލާށެވެ.

އޮރެންޖު ދިޔަ

އޮރެންޖަކީ ވެސް މި މައްސަލައަށް އޮތް ރަނގަޅު ހައްލެކެވެ. އޮރެންޖު ދިޔައިގެ ތެރެއަށް ކުޑަ ގްލިސަރިންކޮޅެއް އަޅާލުމަށްފަހު ލޯކައިރީގައި ހާކާލާށެވެ. ކަޅުވެފައި ހުރި ލޯކައިރި ރަނގަޅުވުމުގެ އިތުރުން ލޯ ކަައިިރި އިތުރަށް އަލިވެ އޮމާން ވާނެ އެވެ.