މާލޭގައި ޕާކުކޮށްފައިވާ ޕިކަޕަކުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
ވައްކަންކުރި ވީޑިއޯއެއް ހިއްސާކުރަމުން ފުލުހުން ބުނީ އެމީހުންނަކީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ވަގުތެއްގައި މާލޭ މަގެއްގެ މަތީގައި ޕާކު ކޮށްފައި އޮތް ޕިކަޕަކުން ވައްކަން ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ ބައެއް ކަމަށެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން އަންހެނަކާއި ފިރިހެނަކު ހިނގާފައިދާ މަންޒަރު ފެންނައިރު، އެދެ މީހުން ވެސް ޕިކަޕުތައް ހުރި ސަރަހައްދުން ނުކުމެގެންދާ މަންޒަރު ވީޑިއޯއިން ފެނިގެންދެ އެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ފުލުހުން ބުނީ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ދުއްވާފައިވަނީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ތަހުގީގުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތުން އެނގިފައިވާ ކަމަށެވެ.
ފުލުހުން ވަނީ މި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރަށް ގުޅައި މައްސަލައިގެ މައުލޫމާތު ހިއްސާކުރުމަށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.