މާލެއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރަން ކުރީ ސަރުކާރުން ފަށާފައި ހުރި ޕްރޮޖެޓްތައް ނިންމަން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މިއަދު ހެނދުނު މުޅި މާލެއިން ކަރަންޓު ކެނޑިފައި ވަނިކޮށް ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މާލޭގެ ކަރަންޓު މައްސަލައިގެ ދާއިމީ ހައްލަކީ ބްރިޖް ހުރަސްކޮށް މާލެ އާއި ހުޅުމާލެ ގުޅާލުމަށް މީގެ ތިން އަހަރު ކުރިން ފެށި މަޝްރޫއު އަވަހަށް ނިންމުމާއި މާލޭ އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް 2018 ގައި ދީފައިވާ ބިމުގައި ޕަވާ ހައުސް ގާއިމުކޮށްގެން ކަމަށެވެ.

ސްޓެލްކޯ އިން މިދިޔަ މަހުގެ ކުރީކޮޅު ބުނެފައި ވަނީ މާލެ އާއި ހުޅުމާލޭގެ ކަރަންޓު ނެޓްވޯކް ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށެވެ. އެ މަޝްރޫއުގައި މިހާރު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންދަނީ މާލެ- ހުޅުމާލެ އަދި ހުޅުލޭގައި ޓްރާންސްފޯމަރުތައް ބެހެއްޓުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މާލެ- ހުޅުމާލެ ނެޓްވޯކުން ތިން ރަށުގެ ކަރަންޓު ގުޅާލާނީ ބްރިޖާއި ހައިވޭ މެދުވެރިކޮށް އަޅާ އިންޓަކަނެކްޝަން ކޭބަލްއަކުންނެވެ. އިންޓަކަނެކްޝަން ކޭބަލް އެޅުމުގެ މަސައްކަތްތައް ވެސް މިހާރު ވަނީ ފަށައިފަ އެވެ. މި ކޭބަލްއަކީ 100 މެގަވޮޓްގެ ކަރަންޓު ދެވޭނެ ނެޓްވޯކް ކޭބަލްއެކެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ މިދިޔަ މަހު ވިދާޅުވީ ޕްރޮޖެކްޓްގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ތިންމަސް ތެރޭގައި ނިންމާނެ ކަމަށެވެ. މި ޕްރޮޖެކްޓްގެ ސަބަބުން، އެއް ރަށުން ކަރަންޓު ކެނޑިއްޖެނަމަ އަނެއް ރަށުގައި އުފައްދާ ކަރަންޓު ބޭނުންކޮށްގެން ކަރަންޓު ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އިންޑަސްޓްރިއަލް ވިލެޖުގައި ހަދާ އިންޖީނުގެއާ ބެހޭ ގޮތުން ސްޓެލްކޯ އިން ވާހަކަދައްކާފައެއް ނުވެ އެވެ.