ގައުމީ އެއާލައިން "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަންގެ މާލީ ހާލަތު ރަނގަޅުކުރަން، ދުނިޔޭގެ އެންމެ ވަރުގަދަ އެއް އެއާލައިން، ގަތަރު އެއާވޭސްއާއެކު ޖޮއިންޓް ވެންޗާއެއް ހެދުމަށް މަޝްވަރާކުރަން ފަށައިފި އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ދާދިފަހުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ގަތަރަށް ކުރެއްވި ދަތުރުފުޅުގައި މޯލްޑިވިއަން އާއި ގަތަރު އެއާވޭސްގެ ޖޮއިންޓްވެންޗާ ހެދުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.
މި ދަތުރުގައި މި ވަފުދުން ވަނީ ގަތަރުގެ މިނިސްޓާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އަދި އެކްޓިން މިނިސްޓާ އޮފް ފިނޭންސް އަލީ ބިން އަހުމަދު އަލް ކުވާރީއާ ބައްދަލުކުރައްވާފަ އެވެ. އަދި ގަތަރުގެ ޗެމްބާ އޮފް ކޮމާސް ފަސްޓް ވައިސް ޗެއާމަން މުހައްމަދު ބިން ތޮވާރު އަލް ކުވާރީއާ ވެސް ވަނީ ބައްދަލުކުރައްވާފައިވެ އެވެ.
ގަތަރުގެ ޓްރޭޑް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާއި އިތުރަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރެވުނެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ގަތަރު އެއާވޭސްއާއެކު ކުރަމުން އަންނަ މަޝްވަރާތައް ނިންމި އަންނަ އަހަރުގެ ތެރޭގައި ޖޮއިންޓްވެންޗާއެއް އުފެއްދޭވަރުވާނެ ކަމަށެވެ.
"ސަރުކާރުން ވެސް ބޭނުން ވަނީ ރާއްޖޭގެ މިއޮތް މަތީ ފެންވަރުގެ ޓޫރިޒަމަށް ކޭޓާކުރެވޭވަރު ފެންވަރުގެ ބަޔަކާއެކު ޖޮއިންޓްވެންޗާއެއް ހަދަން. އެހެންވެ ގަތަރު އެއާވޭސްއާއެކު މަޝްވަރާކުރަނީ،" އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން އައިލެންޑް އޭވިއޭޝަނުން ބުނީ ޖޮއިންޓްވެންޗާ ހެދުމުގެ މަޝްވަރާތައް ސަރުކާރުން އެއާލައިނަކާއެކު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މަޝްވަރާގެ ތަފުސީލެއް އެ ކުންފުނިން ނުދެ އެވެ.
އައިލެންޑް އޭވިއޭޝަންގެ މާލީ ހާލަތު ރަނގަޅުކުރަން މެދުއިރުމަތީގެ ކުންފުނިތަކަކާއެކު ޖޮއިންޓް ވެންޗާއެއް ހެދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ މޯލްޑިވިއަންއަކީ ކުރިންސުރެ ވެސް ގެއްލުމުގައި ހިންގަމުން އައި ކުންފުންޏެއް ކަމަށާއި ކޮވިޑާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ވެސް މޯލްޑިވިއަންއަށް އިތުރު ގެއްލުންތަކާ ކުރިމަތިވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ގައުމީ އެއާލައިން ރަނގަޅުކުރުމަށްޓަކައި ބޭރުގެ ބައެއް ފަރާތްތަކާ ވެސް އަޅުގަނޑުމެން ވާހަކަ ދައްކަމުން އެބަ ގެންދަން. ޖޮއިންޓްވެންޗާއެއް ހެދުމާއި ބެހޭ ގޮތުން. ކޮންމެއަކަސް ރާއްޖޭގައި ގައުމީ އެއާލައިނެއް އޮންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ރައީސް ވިދާޅުވި އެވެ. "ވައިގެ ދަތުރުފަތުގެ ނިޒާމެއް ގައުމީ އެއާލައިނެއްގެ ގޮތުގައި އޮންނަން އެބަޖެހޭ. ޚާއްސަކޮށް ޑޮމެސްޓިކް ދަތުރުފަތުގެ ނެޓްވާކެއް އޮންނަން އެބަޖެހޭ. އޭގެ ސަބަބުން ނުސީދާކޮށް ލިބޭ ވަރަށް ގިނަ ފައިދާތައް އެބަހުރި. އެހެންކަމުން ރާއްޖޭގައި ޚާއްޞަކޮށް ޑޮމެސްޓިކް ދަތުރުފަތުރުކުރުމުގައި ޑިސްކައުންޓް ރޭޓެއްގައި ސަރުކާރުން ސަބްސިޑައިޒްކޮށްގެން ނަމަވެސް އެ އެއާލައިން ދަމަހައްޓަން އެބަޖެހޭ."
ގަތަރު އެއާރވޭސް އާއި އެކު މޯލްޑިވިއަން ޖޮއިންޓް ވެންޗަރ އެއް ހެދުން އެއީ ރަނގަޅު ކަމެކޭ އެކަމަކު ގަތަރު އެއާރވޭސް އިން މޯލްޑިވިއަން އާއި އެކު ޖޮއިންޓް ވެންޗަރ ހަދާ އަހަރު ދުވަސް ނުވަނީސް އެމެންގެ ހިއްސާ އިންޑިއާގެ އަމިއްލަ އެއާރލައިން ކުންފުނި ކަމަށްވާ ކިންގްފިޝަރ އަށް ވިއްކާލާ ކަމަށޭ މަމެންނަށް އަޑުއިވިފައި އޮތީ ކަން މިހެން ހުރުމުން ތިޔާ ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ބެހޭ ތަފްސީލް މަޖްލީހަށް އަންގަން ޖެހޭނެ އަދި ސަރުކާރުގެ ގެޒެޓް ގައި ޝާއިއުވެސް ކުރަން ޖެހޭނެ އެއްބަސްވުމުގެ ޑްރާފްޓް
ރަނގަޅު ޓާމްސްގައި ކުރެވިއްޖެނަމަ ތިޔައީ ރަނގަޅު ކަމެއް