ރާއްޖޭގެ ގައުމީ ދުވަހަކީ އުތީމު މުހައްމަދު ތަކުރުފާނު ދިވެހި ގައުމަށްޓަކައި ޖިހާދު ކުރައްވާ ވަރަށް ވަރުގަދަ އިސްތިއުމާރީ ބާރެއްގެ ދަށުން ރާއްޖެ ސަލާމަތް ކުރެއްވި ދުވަސް ކަމަށާއި އެދުވަސް ފާހަގަކުރަން ޣައްދާރުންއަރާ ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް ޕީއެންސީގެ ރައީސް އަދި ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި، ގައުމީ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގައުމާ މުޚާތަބް ކުރައްވަން ހަމަޖެހިފައިވާއިރު އެކަމަށް ރައްދު ދެއްވާ އަބްދުއްރަހީމް ވިދާޅުވީ ދިވެހި ރާއްޖޭގެ ގައުމީ ދުވަހު ދިވެހިރައްޔިތުންނާ މުޚާތަބް ކުރައްވާ ވާހަކަފުޅު ދައްކަވަން ރައީސް ސޯލިހު މިއަދު ލަދުފުޅު ގަންނަވަން ޖެހޭނެ ކަމަށެވެ.
އަދުރޭ ވިދާޅުވީ ގައުމިއްޔަތު ފުނޑާލާފައި ރާއްޖޭގެ މިނިވަންކަން ވިއްކާލާފައި ދިވެހި ރައްޔިތުން އަޅުވެތިކޮށްފައި ދެން އަރާ ދައްކާނެ ގައުމީ ދުވަހުގެ ވާހަކައެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. އަދި ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ކުރައްވަން އޮތް އެންމެ ރަނގަޅު ކަމަކީ ދިވެހިންނާ ދިވެހި ގައުމު ހަވާލު ކުރައްވާފައި އިސްތިއުފާ ދެއްވުން ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
"އިބްރާހީމް މުހައްމަދު ސާލިހެކޭ ތުއްފާރަނާއެކޭ އެއްވެސް ތަފާތެއް ނެތް. ހަމަ ހަގީގަތުގައި ވެސް އިބްރާހީމް މުހައްމަދު ސާލިހާއި ކެނެރީގޭ މުހައްމަދު ނަޝީދު އަޅުގަނޑަށް ސިފަކުރެވެނީ މީދޫ ތަކުރާ މީދޫ ތަކުރުގެ ދަރި ތުއްފާރަނާ ހަސަނާ ދެ މީހުންގެ ގޮތުގައި. އެއީ އަނދިރިއެއް އައްޔެއް ނެތް އެމީހުންނަކަށް. ވެރިކަމުގައި ތިބެވިއްޖާ ހެޔޮ. ބާރާ އާރާ އޮތިއްޔާ އެންމެ ރަނގަޅު. އެ މީހުން ބުނެ އުޅުނީ ތިމަންނަމެންނަށް މައްސަލައެއް ނެތޭ ދިވެހިން ނޫނަކަސް. ތިމަންނަމެންނަށް ވެރިކަން އޮވެއްޖިއްޔާ ހެވޭ. އެހެންވީމަ އެވަރުގެ ބަޔަކު އަރާ ދައްކާނެ ގައުމީ ވާހަކައެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
ގައުމީ ދުވަހު އިބްރާހީމް މުހައްމަދު ސާލިހު ކުރައްވަންވީ ދެވަނަ ކަމަކީ ފަހުގެ ތާރީޚެއްގައި ދިވެހި ގައުމިއްޔަތު ދިރުވާ އާލާކޮށްދެއްވި އަދި ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް އެންމެބޮޑު ގުރުބާނީއެއްވެ ވަޑައިގެންނެވި، ދިވެހިންނަށް ދިވެހި ރާއްޖޭގައި ދިވެހިންގެ ވެރިކަމެއް ކޮށްދެއްވި ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލެއްވުން ކަމަށް އަދުރޭ ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންގެ ޕްރެޝަރާހުރެ ފިއްލަދޫ ރައްޔިތުންގެ ހިތްވަރާހުރެ ދައްޕަރު އަލުން ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނުމަށް ސަރުކާރުން ނިންމެވީތީ ފިއްލަދޫގެ ރައްޔިތުންނަށް ރައީސް ޔާމީނަށް އަދުރޭ މަރުހަބާ ވިދާޅުވި އެވެ. އެކަމުގައި ތެދުވަން ރައްޔިތުންނަށް ހިތްވަރު ލިބުނީ ފިއްލަދޫ ރައްޔިތުން ކުރި ހިތްވަރުން ކަމަށާއި އެކަމުގައި ޕީޕީއެމް ޕީއެންސީގެ މަޖިލިސް މެމްބަރުން މަޖިލީހުގެ 65 މެމްބަރުންނާ ދެކޮޅަށް ކުރެއްވި މަސައްކަތް އަދުރޭ ފާހަގަކުރެއްވި އެވެ.
"ހަމައެގޮތަށް އަޅުގަނޑު އިބްރާހީމް މުހައްމަދު ސާލިހަށް ދަންނަވަން އުތުރު ތިލަފަޅު އެއްބަސްވުން މިރެއިން މިރެއަށް ބާތިލްކޮށް އެތަން ދިވެހި ސިފައިންނާ ހަވާލުކޮށްދެއްވާށޭ. އަދި މިގޮތަށް ހެދިފައިހުރި ހުރިހާ ގޮތްނޭނގޭ އެގްރީމެންޓްތައް ވެސް ބާތިލްކޮށްދެއްވާށޭ. ބާޠިލްކޮށްދެއްވާފައި ދިވެހީންގެ ޙައްގު ދިވެހިންނަށް ހޯދައިދެއްވާށޭ. މި ދިވެހި ފަސްގަނޑުގައި ބޭރު ގައުމެއްގެ އަސްކަރީ ބާރެއް އޮންނާކަށް ދިވެހިން ނޭދޭ. އަދި އެކަން ކުރުމުގެ ފުރުސަތެއް ގާނޫނު އަސާސީން އެއްވެސް ބަޔަކަށް ނުދޭ،" އަދުރޭ ވިދާޅުވި އެވެ.
މާލިއްޔާއަށް ވަންނަންޖެހޭ ރައްޔިތުންގެ ފައިސާ އަމިއްލަ އެކައުންޓަށްލައި އެއިން މަންފާ ހޯދަމުންދާ ބަޔަކަށްވުރެ ގައުމަށް ގައްދާރުވާނެ އިތުރު ބަޔަކު ތިބޭނެތޯ