ވޯލްޑް ޓްރެވެލާ ޕޭޖް އިން ޖާގަ ހޯދާފައިވާ، ފުވައްމުލަކު ބަންޑާރަ ކިޅީގެ ނޭޗާ ޕާކުގެ ހަޓެއް "ފުނޑާލައިފި" އެވެ.

ފުވައްމުލަކު ނޭޗާ ޕާކު ސަރަހައްދު ހިމެނޭ ގޮތަށް ހަދާފައިވާ ބޯޑްވޯކް ތަކަކީ ގުދުރަތީ ވެށީގެ ހިތްގައިމުކަން ދެކިލުމަށާއި ފޮޓޯ ނެގުމަށް ގިނަ އަދަދެއްގެ ދިވެހިންނާއި ބޭރު މީހުން ޒިޔާރަތްކުރާ ތަނެކެވެ.

ނުހަނު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ބޯޑްވޯކްތައް ވަނީ "ވޯލްޑް ޓްރެވެލާ ޕޭޖް" އިން ވެސް ޖާގަ ހޯދާފަ އެވެ.

"ނަމަވެސް ހިތާމަޔަކީ ބައެއް މީހުން މި ތަންތަނަށް ތަކުރާރުކޮށް ގެއްލުން ދެމުންދާކަމެވެ. މިގޮތަށް މިކަން ކުރިއަށްދާ ނަމަ މާގިނަ ދުވަސްތަކެއް ނުވެ ތަން ހަލާކުވެގެން ހިނގައިދާނެ އެވެ. މި ފަދަ އަމަލުތައް ހުއްޓާލައި މި ތަން ރީތިކޮށް ދެމެހެއްޓުމަށް އެ ފަރާތްތަކަށް ވަރަށް އަދަބުވެރިކަމާއެކު ނަސޭހަތްތެރިވަމެވެ. މި ގުދުރަތީ ވެށީގެ ރީތި މަންޒަރުތަކުން ހިތްހަމަޖެހުން ލިބިގަންނާށެވެ. އަދި މުސްތަގުބަލުގެ ޖީލުތަކަށް ވެސް އެ ފުރުސަތު ހޯދައި ދެއްވާށެވެ. މިއީ ތިޔަ ބޭފުޅުންގެ ވެސް ތަނެކެވެ." ފުވައްމުލަކު ނޭޗާ ޕާކް ފޭސްބުކް ޕޭޖްގައި ލިޔެފައިވެ އެވެ.

ފުވައްމުލަކު ނޭޗާ ޕާކުގެ ހަޓަކަށް ބަޔަކު ގެއްލުންދީފައި. މިތަނަށް އެކި ފަހަރު މަތިން ބޮޑެތި ގެއްލުންތަކެއް ދީފައިވޭ. ފޮޓޯ: ފުވައްމުލަކު ނޭޗާ ޕާކް

އެ ޕޭޖްގައި ބުނެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބަޔަކު ބަންޑާރަ ކިޅި ބޯޑްވޯކްގެ ހަޓްގެ އެއް ފަރާތުގެ ރެއިލިންތައް ހަލާކުކޮށްފައިވާ ކަމަށެވެ. އަދި އިއްޔެގެ ވަގުތެއްގައި ވެސް ބަޔަކު އެ ހަޓްގެ އެހެން ފަރާތެއްގެ ރެއިލިންތައް ހަލާކުކޮށް ޗަސްބިން ތެރެއަށް އުކާލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ޕޭޖްގައި ބުނެފައި ވަނީ އެކި ފަހަރު މަތިން އެ ހަޓްގެ ރެއިލިންތަކަށް ގެއްލުންދީ ތިން ފަރާތުގެ ރެއިލިން ވައްޓާލާފައިވާ ކަމަށެވެ. މީގެ އިތުރުން އެތައް ފަހަރެއްގެ މަތިން މި ބޯޑްވޯކްގެ ރެއިލިންތަކުގެ ކެޕްތައް ނައްޓައި ވިނަގަނޑު ތެރެއަށް އުކާލުމާއި ކަނޑާ ނަގައި، ދެލި އަދި ދަވާދު ފަދަ ތަކެތިން ކުރަހައި ލިޔަމުންދާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

"[އެތަން] ހާލަކުކޮށްފައިވާ މިންވަރުންނާއި، އެމެޓީރިއަލް އަކީ ހޯދަން ދަތި އަދި އެހާމެ އަގުބޮޑު މެޓީރިއަލްއަކަށް ވާތީ، ކޮވިޑުގެ މި ޙާއްސަ އަދި ދަތި ދަނޑިވަޅުގައި މިތަންތަން މަރާމާތުކުރުމަކީ ވަރަށް އުނދަގޫކަމެއްކަން ފާހަގަ ކޮށްލަމެވެ." ފޭސްބުކް ޕޭޖްގައި ލިޔެފައިވެ އެވެ.

ފުވައްމުލަކު ނޭޗާ ޕާކު ހިމެނޭ ގޮތަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ބޯޑްވޯކް ދެ ހަޓް ދެ ސަރަހައްދެއްގައި ހަދާފައިވެ އެވެ.