މަތީގައިވާ ސުރުޚީއަކީ އަޅުގަނޑުގެ ފޭސްބުކް ރައްޓެއްސެއް ކަމަށްވާ މުހައްމަދު މުއިއްޒު އަދުނާނު އޭނާގެ ފޭސްބުކް ޕޭޖްގައި ލިއުއްވި ލިއުން ކޮޅެކެވެ. މުއިއްޒަކީ ރާއްޖޭގެ މި ޒަމާނުގެ ތާރީޚުގައި އިލްމީ ގޮތުންނާއި ސިޔާސީ ގޮތުން ރާއްޖެއަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވި އަލްމަރުހޫމް ހުސެއިން ސަލާހުއްދީނުގެ ކާފަ ދަރިކަލެކެވެ.

ފޭސްބުކްގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ މުއިއްޒު، އެންމެ ފަހުގެ "ސިޔާސީ ތަސްބީހަ" ސިފަ ކޮށްދެއްވަމުން ލިއުއްވާފައި އޮތެވެ.

"އެންމެ ފަހުގެ ސިޔާސީ ތަސްބީހަ 2023، 3023، 2023، މަހަށް ހަމަ އަގު: 2023، މިނިމަމް ވޭޖް: 2023، އުނިކުރި އެލަވަންސް: 2023، ހުވަފެނުން ވެސް: 2023"

ރީތިކޮށް އަމުނާލައްވާފައިވާ ސިޔާސީ ތަސްބީހަ މިއުޒިކަކާއެކު ރީތި ރާގަކަށް ކިޔާލަން ކަމުދާނޭ ހީވެ އެވެ. ތަސްބީހައިގެ ބަސްތަކަށް ވިސްނާލާއިރު ތަސްބީހައިން އެމަނިކުފާނު އިޝާރާތް ކުރައްވާ ކަމުގައި ފެންނަނީ ފަހަކަށް އައިސް ދިވެހި ނޫސްތަކުގެ ފަލަ ސުރުޚީތަކުން ފެންނަމުންދާ ސިޔާސީ ވައުދުތަކަށެވެ.

ކޮވިޑުގެ އަނދިރި ދުވަސްތަކަށްފަހު ދުނިޔެ މިވަނީ ހަމަ ނޭވާލައި އިގްތިސާދު އަލުން ކޮޅަށްޖެހުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ފަށާފަ އެވެ. ދެ އަހަރު ވަންދެން "އައިސޮލޭޝަން"ގައި ހުންނެވުމަށް ފަހު، ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ވެސް މިވަނީ ރައްޔިތުންނާ ހަމަޔަށް ވަޑައިގެން އާންމުންނާ ބައްދަލު ކުރައްވަން ފައްޓަވާފަ އެވެ.

އެ މަނިކުފާނު އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ އެދުންތަކަށް ވަރަށް ދީލަތި ގޮތެއްގައި ގެންދަވަނީ އިޖާބަ ދެއްވަވަމުންނެވެ. އެ އެދުންތައް ފުއްދަވައި ދެއްވަވާނެކަމުގެ ވައުދުތައް ގެންދަވަނީ ކުރައްވަމުންނެވެ. އެކަމަކު އެއިން ކޮންމެ ވައުދެއް ވެސް ގޮސް ގުޅެނީ 2023 އާ އެވެ. ކޮލެޖް އެޅޭނީ 2023 ގަ އެވެ. ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކޮށް ދެވޭނީ ވެސް 2023 ގަ އެވެ. އުނިކުރި އެލަވަންސްތައް ވެސް އާދެ ހަމަ 2023 ގަ އެވެ. މި ހިސާބުން ހަމަ ކޮންމެ ރައްޔިތަކަށް ވެސް މިކިޔާ ތަސްބީހަ ފަހުމް ވާނެކަން ޔަގީނެވެ. އާދެ 3023 ގެ ރިޔާސީ އިންތިޚާބެވެ. އިންތިޚާބަށް ޖަހާ "ކަޑަ" އެވެ.

އިންތިޚާބަށް ކަޑަ ޖެހުމަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަމަށް ހަޖޫ ޖަހާ ބަޔަކު ވަރަށް އަޑުގަދަ ކޮށް ދައްކަމުން ގެންދިޔަ ވާހަކަ އެވެ. މައުމޫނުގެ 30 އަހަރުގެ ވެރިކަމަށް ބަލާއިރު އެވެރިކަމުގައި އޮތީ ވަރަށް އުފާވެރި ދީލަތި ފަސް އަހާރާއި ދަތި އުނދަގޫ 25 އަހަރެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރަކީ ގައުމަށް އަންނަ އީދެއް ފަދަ އަހަރެވެ. އެ އަހަރުގެ ދައުލަތުގެ ބަޖެޓް ދެގުނަ ބޮޑުވާނެ އެވެ. ސަރުކާރުގެ މުއައްޒަފުންގެ މުސާރަ ބޮޑުވާނެ އެވެ. މުޅި އަހަރަށް ދެމިގެން ދާނޭހެން އަހަރުގެ އެކި މަސް މަހާ ދުވަސްތައް ފާހަގަ ކުރެވޭނެ އެވެ.

ރައީސް މައުމޫން ގިނަ ގިނައިން ރައްޔިތުންނާ ބައްދަލު ކުރައްވައި ހާލު ބައްލަވާނެ އެވެ. ރައްޔިތުންގެ އެދުން ފުއްދަވައި ދެއްވާނެކަމުގެ ވައުދުތައް ކުރައްވާނެ އެވެ. ގިނަ މަޝްރޫއުތަކެއް އިއުލާން ކުރެވޭނެ އެވެ. އެ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއު އޭގެ ހަތަރު އަހަރު ފަހުން ފެށޭނެ އެވެ. ނިމޭއިރު ހުންނާނީ އަނެއް ހަތަރު އަހަރު ފާއިތުވެފަ އެވެ. މިގޮތަށް އިއުލާންކުރެވޭ މަޝްރޫއުތަކަށް ނިސްބަތްކޮށް ސިޔާސީ ކަޑަ ޖެހުމޭ ކިޔައި އުޅުނެވެ.

މައުމޫނުގެ ވެރިކަން ނިމުމާއެކު ސިޔާސީ ކަޑަ ޖެހުން ނިމުނީ ކަމަށް ގަބޫލު ކުރަން ބޭނުމެވެ. ޚާއްސަކޮށް އެ ސިޔާސަތަށް ހަޖޫޖެހި މީހުންގެ ވެރިކަމުގައި ސިޔާސީ ކަޑަ ޖަހާނެކަމަށް ގަބޫލުކުރަން ބޭނުމެއް ނޫނެވެ. އެހެންކަމުން މިހާރު އިވެމުންމިދާ 2023ގެ ލަވަޔަށް ކަޑައޭ ކިއުމުގެ ބަދަލުގައި މުއިއްޒު ވިދާޅުވިހެން ސިޔާސީ ތަސްބީހައަކީ ހަމަ އެންމެ ގުޅޭ ނަމެވެ.

ކޮންމެ ފަސް އަހަރަކުން އެއް އަހަރު ރައްޔިތުންގެ ކުރިމައްޗަށް ހާޒިރުވެ ވޯޓަށް އެދުމަކީ މި ޒަމާނުގެ ސިޔާސީ ނިޒާމު އޮތްގޮތުން ސިޔާސީ އިސްވެރިން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަމެވެ. އެއެދުމާއެކު ރައްޔިތުންނަށް ވައުދުތަކެއް ވާންޖެހެ އެވެ. އެ ވައުދުތައް ފުއްދާނެ ކަމަށް ބަލައި ރައްޔިތުންގެ ވޯޓު ލިބުމުން ވެރިންނަށް ޖެހިވަޑައިގަންނަވާނީ ވީހާ ވެސް އަވަހަކަށް އެ ވައުދުތައް ފުއްދަވާށެވެ. އެންމެ ލަސްވެގެން ވެސް ދެން އަނަނަ އިންތިޚާބެއްގެ ކުރިން އެ ވައުދުތައް ފުއްދަވަން ޖެހި ވަޑައިގަންނަވާނެ އެވެ.

ރާއްޖޭގެ ރިއާސީ އިންތިޚާބު ކައިރިވަމުން އަންނައިރު މިހާރު މި އިވެނީ ކުރިޔަށް އޮތް އިންތިޚާބީ އަހަރަށް ވެވޭ ވައުދުތަކެއްގެ ވާހަކަ އެވެ. އެ ވާހަކައިގެ ބަރުދަން ކޮންމެ ގޮތަކަށް ހުއްޓަސް އެނގޭ ހަގީގަތަކީ 2023 އަށް އަމާޒުކޮށް ވަރަށް ގިނަ ހަރަކާތްތަކެއް މިހާރުއްސުރެ ރޭވެމުން އެބަދާކަމެވެ. 2023 ވާނީ ސަރުކާރު ވަރަށް ދީލަތި އަހަރަކަށެވެ. ވައުދު ތައްފުއްދުމާއި އާ ވައުދުތަކެއް ކުރެވިގެން ދާނެ އަހަރަކަށެވެ.

ޑިމޮކްރަސީގައި ބާރުތައް ފެށެނީ ރައްޔިތުންގެ އަތްމަތިން ކަމަށް ވެފައި އެ ބާރުގެ ބޭނުން ހިފަން ލިބޭ ފުރުސަތަކީ އިންތިޚާބެވެ. އެހެންކަމުން އިންތިޚާބަށް ވައުދުތައް ބޯމަތިވެގެން އަންނައިރު، ފާއިތުވެދިޔަ އިންތިޚާބަށް ވީ ވައުދުތައް ފުދުނީ ކިހާވަރަކަށްތޯ ބެލުމުގެ ޒިންމާ އޮންނާނީ ރައްޔިތުންގެ ކޮނޑުގަ އެވެ. ހަގީގީ ތަރައްގީއެއްގެ ފޮނިކަން ރައްޔިތުންނަށް ލިބޭނީ އެ ވައުދުތައް ރަނގަޅަށް މިނެކިރާލައި ފީ ހޮވާލުމުގެ ޒިންމާ އަދާކުރެވިގެންނެވެ. އެހެންކަމުން ސިޔާސީ ތަސްބީހަ އަޑު އިވޭ ގޮތަށް ތަކުރާރުނުކޮށް އެ ތަސްބީހައާ މެދު ދެވަނަ ވިސްނުމަކަށް ދިއުމުގެ މުހިންމު ކަން ބޮޑެވެ.