އަނެއްކާވެސް ދައުލަތުން ބޮޑު ބަދަލެއް ކުންފުންޏަކަށް ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
މިފަހަރު ބަދަލުދޭން ޖެހުނީ ތިލަފުށި ފަޅުގައި އޮތް އެމްވީ ސީހޯމް ސަފަޔާ ބޯޓު ނަގަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ހަވާލުކުރި ޕާކަވަން އިންވެސްޓްމެންޓް ނަމަކަށް ކިޔާ ކުންފުންޏަށެވެ. ތިން މަސް ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް 597,800 އެމެރިކާ ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުގެ ހުކުމްގައި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ވަނީ އަންގާފަ އެވެ.
އެމްވީ ސީ ހޯމް ސެފަޔާ ނަގަން އެ ކުންފުންޏާ ހަވާލުކުރީ ހުއްދަ ނުހޯދައި، 2012 ޖުލައި 30 ވަނަ ދުވަހު ތިލަފުށީ ފަޅުތެރޭގައި އެ ބޯޓު އެޅުމުންނެވެ. އެކުންފުންޏާ ބޯޓު ހަވާލުކުރީ ބާދަނގަނޑުގެ ގޮތުގައި ބޯޓު ވިއްކާލައިގެން ލިބޭ އާމްދަނީ އަކީ މަަސައްކަތުގެ އަގު ކަަމަށް އެއްބަސްވެގެންނެވެ.
އެ ބޯޓު ކީހާލުމުގެ މަސައްކަތް އެ ކުންފުނިން މިދިޔަ އަަހަރު ކުރަނިކޮށް ކޯޓުން ކުރި އަމުރެއްގެ ދަށުން ފުލުހުން އެ މަސައްކަތް ހުއްޓުވިއެވެ. އެއީ ބޯޓުގެ މިލްކުވެރިކަމާ މެދު ސުވާލު އުފައްދައި ބަޔަކު ޖެއްސި މައްސަލައަކާ ގުޅިގެންނެވެ.
އެ ކުންފުނިން އެދުނީ ބަދަލުގެ ގޮތުގައި 780،511 ޑޮލަރު ނަގައިދިނުމަށެވެ. އެގޮތަށް އެދުނީ އެ ބޯޓު އޮތީ ކުލި ދައްކަން ޖެހޭ ބޯޓްޔާޑެއްގައި ކަމަށް ވާތީ ބޯޓު އެތަނުގައި ބާއްވަން ދިޔަ ހަރަދާއި މަސައްކަތުގެ އަގުގަށް ޖެހެނީ އެވަރު ކަމަށް ކުންފުނިން ގަބޫލު ކުރާތީ އެވެ. ނަމަވެސް ކޯޓުން ކަނޑައެޅީ ބަދަލުގެ ގޮތުގައި ނަގައިދެވޭނީ 597,800 އެމެރިކާ ޑޮލަރު ކަމަށެވެ.
އެ މައްސަލައާ ގުޅިން މީގެކުރިން ވަނީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ އިސްވެރިން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. ކޮމިޓީގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވީ ބޯޓުގެ މައްސަލާގައި ދައުލަތުން ބަދަލެއް ދޭން ނުޖެހޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ބައި އަޅައިގެން ހިންގާ ބޮޑެތި ޖަރީމާ. ރީންދޫ އެކަކުވެސް މިޖަރީމާތަކާ ދެކޮޅަށް އަނގަހުޅުވާކަށް ނުކެރޭނެ. އެހެން ވެރިކަމެއްނަމަ ރާކަނިމަސް ކައިގެން ސޯޝަލްމީޑިއާ އާއި މަގުތައް ކުޑަކުރާނެ.