ރާއްޖޭގެ ފަތުރުވެރިކަން ސައުތު އެފްރިކާގައި އިސްތިހާރު ކުރުމަށްޓަކައި އެ ގައުމުގެ މީޑިއާ ޓީމެއް ރާއްޖެ އައިސްފި އެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ މިމަހުގެ 25 ވަނަ ދުވަހުން އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ސައުތު އެފްރިކާގެ މަޝްހޫރު އިންޑިޕެންޑަންޓް ގެޓަވޭ މެގަޒިން އަދި ސަންޑޭ ޓައިމްސްގެ ޖާނަލިސްޓުން ހިމެނޭ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވާނެ ކަމަށެވެ.
އެ މީހުންގެ މި ދަތުރުގެ ސަބަބުން ސައުތު އެފްރިކާގެ މާކެޓުގައި އެތައް ހާސް ބަޔަކަށް ރާއްޖެއާއި ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެ އެވެ.
ސައުތު އެފްރިކާގެ މީޑިއާ ޓީމް ތިބުމަށް ހަމަޖެހިފައި ވަނީ ފުށިފަރު މޯލްޑިވްސް، ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް އަދި ހައިޑަވޭ ބީޗް ރިޒޯޓް އެންޑް ސްޕާގައެވެ. މި ޓީމުން މި ރިސޯޓުތަކުން ސްޕާގެ ޚިދުމަތާއި، ވޯޓާ ސްޕޯޓްސް ފަދަ ޙަރަކާތްތައް ތަޖުރިބާކުރާނެ އެވެ. އަދި މި ރިސޯޓުތަކުގެ އެކި ރެސްޓޯރެންޓުތަކުން ލިބެން ހުންނަ ތަފާތު ކެއުންތައް ވެސް ތަޖުރިބާކުރާނެ އެވެ.
މިއީ ސައުތު އެފްރިކާ މާކެޓަށް އަމާޒުކޮށް ރާއްޖެއިން މި އަހަރު ބާއްވާ ދެވަނަ ފެމިލިއަރައިޒޭޝަން ދަތުރެވެ. މި މާކެޓުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްއިން މި އަހަރު މިހާތަނަށްވަނީ ޑަބްލިއުޓީއެމް އެފްރިކާގެ ވާޗުއަލް ހަރަކާތުގައި ބައިވެރިވެފަ އެވެ. މީގެއިތުރުން ވިޒިޓް މޯލްޑިވްސްއިން ދަނީ، މިމާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން އެއާ ސީޝެލްސްއާއިއެކު ވެސް ހާއްސަ ކެންޕެއިނެއް ކުރިއަށް ގެންދަމުންނެވެ.
އިންޑިޕެންޑަންޓް ގެޓަވޭ މެގަޒިން އަދި ސަންޑޭ ޓައިމްސް އަކީ ސައުތު އެފްރިކާގައި ވަރަށް މަޤުބޫލު މަޖައްލާތަކެކެވެ. އޮންލައިން، ޕްރިންޓް، ޑިޖިޓަލް އަދި ސޯޝަލް މީޑިއާގައި ލިޔުންތަކާއި ޢަދަދުތައް ޝާއިޢުކުރާ މިމަޖައްލާތަކަކީ ކޮންމެ ދުވަހަކު، ހަފްތާއަކު، މަހަކު ނުވަތަ ކޮންމެ ހަމަހުން އެއްމަހުވެސް ލިޔެކިއުންތަކާއި، އަދަދުތައް ނެރޭ މަޖައްލާތަކެކެވެ.