ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ހުށަހަޅައިދޭ އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 15 ވަނަ ސީޒަންގައި ބައިވެރިވާ ބައިވެރިންގެ ލިސްޓް ހާމަކޮށްފި އެވެ.
ކަލާޒްގެ މަޝްހޫރު ރިއަލިޓީ ޓީވީ ޝޯ "ބިގް ބޮސް 15" ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ނުވައެއް ޖަހާއިރު އެވެ.
މިފަހަރުގެ ޝޯ ޖަންގަލް ތީމަށް ގެނެސްދިޔުމަށް ހަމަޖެހިފައިވާއިރު މިޝޯގައި ބައިވެރިވާ ބައިވެރިންނަށް "ބިގް ބޮސް" ގެޔަށް ވަދެވޭނީ ޖަންގަލީ ތެރޭގައި ދިމާވާ ކަންތައް ފަހު އެވެ.
"ބިގް ބޮސް" އަކީ އިންޑިއާގެ ސެލެބްރިޓީން ހާއްސަކޮށް، ޓީވީ އިންޑަސްޓްރީގެ ފަންނާނުން ބައިވެރިކޮށްގެން ގެނެސްދޭ ވަރަށް މަގުބޫލު ޝޯއެކެވެ. މިއީ އެއް ގެއެއްގައި ބައިވެރިން ހޭދަކުރާ ގޮތް ދައްކުވައިދޭ އެއްޗެކެވެ.
"ބިގް ބޮސް 15" ގައި ބައިވެރިވާ ބައިވެރިންގެ ތެރޭގައި ޓީވީ އިންޑަސްޓްރީގައި ފާހަގަ ކޮށްލެވޭ ފަންނާނުން ހިމެނެ އެވެ. އެގޮތުން ފާހަގަކުރެވޭ ފަންނާނުންނަކީ މިއީ.
ނިދީ ބަންސާލީ
ނިދީ ބަންސާލީ އަކީ ސޮނީ ސަބް އިން ގެނެސްދޭ މަޝްހޫރު ކޮމެޑީ ޑްރާމާ ސީރީޒް ކަމަށްވާ "ތާރަކާ މެހެތާކަ އުލްޓާ ޗަސްމާ" އިން ފެނިގެންދާ ބަތަލާ އެކެވެ.
ރޯނިތް ރޯއީ
ރޯނިތް ރޯއީ އަކީ ޑްރާމާ ސީރީޒްގެ އިތުރުން ފިލްމުތަކުންވެސް ފެނިގެންދާ ފަންނާނެ ކެވެ. އެގޮތުން ދިވެހިގެން މެދުގައިވެސް މަގުބޫލުވި ޑްރާމާ ސީރީޒެއް ކަމަށްވާ "ކަސޯޓީ ޒިންދަގީ ކޭ" އިން ބަޖާޖުގެ ރޯލު ފެނިގެން ގޮސްފައިވަނީ ރޯނިތް އެވެ.
ކަރަން ކުންދުރާ
ސްޓާ ޕްލަސް އިން ގެނެސްދޭ އެންމެ ދުވަސްވީ ސިލްސިލާ "ޔޭ ރިޝްޔާ ކިޔާ ކެހެލާ ހޭ"ގެ ރޯލަކުންވެސް ކަރަން ކުންދުރާ ވަނީ ފެނިގެން ގޮސްފަ އެވެ. ކަރަން ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ދިލް ހީ ތޯ ހޭ" އާއި "ޔެ ކަހާ އާގަޔޭ ހަމް" އަދި "ކިތުނީ މުހައްބަތު ހޭ" ހިމެނެ އެވެ.
ޓީވީ ޝޯތަކުގެ ހޯސްޓެއްގެ ގޮތުގައި ވެސް ފެންނަ ކަރަން ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި "ހޮރޯ ސްޓޯރީ" އާއި "މުބާރަކަން" އާއި "1921" އަދި "ޑޯލީ ކިޓީ އޯރް ވޯ ޗަމަތުކޭ ސިތާރޭ" ހިމެނެ އެވެ.
ރިއާ ޗަކްރަބަތީ
ބޮލީވުޑްގައި ކުރިއަރަމުން އަންނަ ރިއާ ޗަކްރަބަތީ އަކީ ބޮލީވުޑު ތަރި ސުޝާންތު ގެ މަރާއި ގުޅިގެން އެކި ކަހަލަ ތުހުމަތުތަކެއް ކުރެވިގެންދިޔަ ފަންނާނެ ކެވެ. ރިއާ ކުޅެފައިވާ ފިލުމުތަކުގެ ތެރޭގައި "ޖަލޭބީ" އާއި އަމީތާބް ބައްޗަން އާއި އިމްރާން ހާޝިމީ އާއެކު ކުޅުނު "ޗެހެރޭ" ފާހަގަ ކޮށްލެވެ އެވެ.
ސިމްބާ ނަގްޕާލް
ސިމްބާ އަކީ ކަލާޒްގެ ޓީވީ އިން ގެނެސްދޭ ޑްރާމާ ސިލްސިލާ "ޝަކްތީ: އަސްތިތުވާ ކޭ އިހުސާސް ކީ" ފެނިގެންދާ ފަންނާނެ ކެވެ. ސިމްބާ މީގެ ކުރިން ”ސްޕްލިޓްސް ވިލާ“ ކިޔާ ރިއަލިޓީ ޝޯއެއްގައިވެސް ބައިވެރިވެފައި ވެ އެވެ. އޭގެ އިތުރުން، ގިނަ އިޝްތިހާރުތަކަކުންވެސް ސިމްބާ ފެނިފައި ވާއިރު، މީގެ ކުރިން އޭނާ ވަނީ މޮޑެލް ކުރުމުގެ ގިނަ މުބާރާތްތަކެއްގައިވެސް ބައިވެރި ވެފަ އެވެ.
ސަނާޔާ އިރާނީ
ސަނާޔާ އަކީ ސިލްސިލާ ޑްރާމާ "އިސް ޕިޔާރުކޯ ކިޔާ ނާމް ދޫން" އިން މަޝްހޫރުވެގެން ދިޔަ ތަރިއެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2017 ވަނަ އަހަރު އޭނާގެ ފިރިމީހާ މޯހިތު ސޭގަލްއާއެކު "ނަޗްބަލިޔޭ 8" އިންނެވެ.
މަނަވް ގޯހިލް
މަނަވް އަކީ ސްޓާ ޕްލަސްއިން ގެނެސްދިން އެންމެ މަގުބޫލު ޑްރާމާ ސިލްސިލާ ތެރޭގައި ހިމެނޭ "ކަހާނީ ގަރުގަރުކީ"ގައިވެސް މަސައްކަތް ކޮށްފައިވާ ފަންނާނެ ކެވެ. މީގެ އިތުރުން ބައެއް ބޮލީވުޑްގެ ފިލްމުތަކުގައިވެސް ވަނީ މަސައްކަތް ކޮށްފަ އެވެ.
މުހްސިން ޚާނާއި ޝިވާންގީ ޖޯޝީ
ސްޓާ ޕްލަސްގެ ދުވަސްވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި މިހާރު ލީޑް ރޯލު ކުޅެމުން އަންނަ ދެ ފަންނާނުނެވެ. ނައިރާ އާއި ކާތިކްގެ ރޯލު ޝިވާންގީ އާއި މުހުސިން ކުޅެމުން އަންނަނީ 2016 އިން ފެށިގެންނެވެ.
މީގެ އިތުރުންވެސް އިތުރު ބައިވެރިން މިޝޯގައި ފެނިގެންދާނެ އެވެ.
"ބިގް ބޮސް 15" ދިމާކޮށް ކަލާޒް އިން ވަނީ މިފަހަރު "ބިގް ބޮސް އޯޓީޓީ" ނަމުގައި އެ ޗެނަލްގެ ސްޓްރީމިން ޕްލެޓްފޯމް ވޫޓް އިން ޝޯއެއް ގެނެސްދީފަ އެވެ.
ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ހުށަހަޅައިދިން ޝޯ ގެނެސްދީފައިވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. "ބިގް ބޮސް އޯޓީޓީ" ކާމިޔާބުކުރީ ކުރިން ވެސް ރިއަލިޓީ ޝޯތަކުގައި ވާދަކޮށްފައިވާ ކާޟިޔާބުތަކެއް ހޯދަފައިވާ ޓީވީ ބަތަލާ ދިވްޔާ އަގަރްވާލް އެވެ.
"ބިގް ބޮސް 14" މި އަހަރުގެ ފެބްރިއަރީގައި ނިންމައިލީ ޓީވީ ބަތަލާ ރުބީނާ ދިލައިކް ޝޯ ކާމިޔާބުކޮށްގެންނެވެ.