ހެދުން ދޮވުމަކީ އާއްމު ދިރިއުޅުމުގައި އެންމެން ވެސް ކޮށްއުޅޭ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް މިކަމުގައި ވެސް އަހަރުމެންނަށް ހެދޭ ގޯސްތަކެއް ހުންނަ ކަމަށް ސައިންސްވެރިން ބުނެ އެވެ.
އެއްދުވަހަށް ގިނަ ކޮށްފައި ބެހެއްޓުން
ހަފުތާގެ ތެރޭގައި ދާ ވެފައި ހުންނަ ހުރިހާ ހެދުމެއް އެއް ދުވަހުން ދޮވުމަށް އެއްކޮށްފައި ބެހެއްޓުމަކީ ދޮންނަ މެޝިނަށް ބާރު ބޮޑުވުމުގެ އިތުރުން ކަރަންޓުގެ ހަރަދު ވެސް ބޮޑުވާ ކަމެކެވެ.
ދޮންނަ މެޝިންގެ އެތެރެ ނުދޮވުން
ހެދުން ދޮންނަ މެޝިނަކީ އެންމެ ފަސޭހައިން ހަޑިވެ ޖަރާސީމު އާލާވުމަށް ފުރުސަތު އޮންނަ ތަނެކެވެ. އެހެން ކަމުން ގަވާއިދުން ދޮންނަ މެޝިނުގެ އެތެރެ ދޮވުމަކީ ވަރަށް މުހިއްމު ކަމެކެވެ.
މާ ގިނައިން ނުވަތަ މާ މަދުން ދޮންނަ ކުނޑި ބޭނުން ކުރުން
ހެޔޮވަރަށް ދޮންނަ ކުނޑި ބޭނުން ކުރުމަކީ ހެދުންތަކުން ދާ ފިލުވުމަށް މުހިއްމު ކަމެކެވެ. މާ މަދުން ދޮންނަ ކުނޑި ބޭނުން ކުރާނަމަ ހެދުންތައް ސާފު ނުވާއިރު މާ ގިނައިން ބޭނުން ކުރާނަމަ މެޝިނަށާއި ހެދުންތަކަށް ވެސް ގެއްލުން ލިބެ އެވެ.
ހެދުން ނުބައި ފުށަށް ނުޖެހުން
އެންމެ ބޮޑަށް ދާވާނީ ހެދުންތަކުގެ ނުބައި ފުށެވެ. ހަށިގަނޑުން ބޭރުވާ ދަލާއި ޖަރާސީމު އުނގުޅޭނީ ނުބައި ފުށުގައި ކަމަށް ވާތޭ އެވެ. އެހެން ކަމުން ދޮންނަ އިރު ހެދުން ނުބައި ފުށަށް ނުޖަހައިފި ނަމަ ރަނގަޅަށް ދާ ނުފިލުން އެކަށީގެންވެ އެވެ.
ހެދުންތައް ވަކި ނުކުރުން
ކޮންމެ ހެދުމަކީ ވެސް ތަފާތު ހެދުމެކެވެ. ތަފާތު ފޮއްޗެއްގެ ތަފާތު ހެދުމެކެވެ. މި ހުރިހާ ބާވަތެއްގެ ހެދުންތައް ވައްތަރުތައް ވަކި ނުކޮށް އެއްކޮށް ދޮންނަން އެޅުމަކީ ހެދުންތަކުގެ ކުލަ ގެއްލި ހަލާކުވާން މެދުވެރި ވެދާނެ ކަމެކެވެ.
ތެތް ހެދުން މާގިނަ އިރު މެޝިނުގައި ބެހެއްޓުން
ދޮވެ ނިމި ތެތް ހެދުންތައް މާގިނައިރު ވަންދެން މެޝިނުގައި ބެހެއްޓުމަކީ ހެދުންތަކުގައި ނުބައި ވަސް ހިފައި ޖަރާސީމު އާލާވާން މެދުވެރިވާ ކަމެކެވެ. މެޝިނުގައި ހެދުން ހުރިކަން ހަނދާން ނެތޭނަމަ ދެން ފޯނު އެލާމް ކޮށްލާށެވެ.