ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާ ލިބޭ މުހައްމަދު އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ހައިކޯޓުން ނެރެފި އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހައިކޯޓުން ނެރެފައިވާ މި އަމުރުގައިވާ ގޮތުން އިރުއޮއްސި 6:00 އިން ހެނދުނު 6:00 އާ ދެމެދު އޭނާ ގެއިން ބޭރަށް ނިކުތުން ވެސް ވަނީ މަނާކުރެވިފަ އެވެ. އަދި މާލެއިން ބޭރަށް އެއްވެސް ތަނަކަށް އޭނާއަށް ފުރައިގެން ދެވޭނީ ފުލުހުންގެ ހުއްދައަކާ އެކު ކަމަށް ވެސް އަމުރުގައިވެ އެވެ.
މޮނިކޮން އަމުރަކީ ރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށްކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުން މޮނިޓާކޮށް ކޮންޓްރޯލް ކުރުމަށް ކޯޓުން ނެރޭ އަމުރެކެވެ.
ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާ ލިބޭ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ދަޢުވާކޮށްފައި ވަނީ މުއްދަތު ހަމަވި ފަހުންކަމަށް ކަނޑައަޅައި, އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހައިކޯޓުން ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ނިންމަވާފަ އެވެ.
ހައިކޯޓުން އަމީން ދޫކޮށްލަންކުރި އަމުރާ ގުޅިގެން ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ، މިމައްސަލާގައި ޕީޖީ އޮފީހުން ދައުވާ ކޮށްފައި ވަނީ މުއްދަތު ހަމަވިފަހުން ކަމަށް ހައިކޯޓުން ވިދާޅުވި ވިދާޅުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ޖިނާއީ އިޖުރާތުގެ ގާނޫނުން ދައުލަތުގެ އިދާރާތަކަށް ނުލިބޭ އެތައް ބާރުތަކެއް ލިބޭ ގޮތަށް ޓެރަރިޒަމް މަނާކުރާ ގާނޫނެއް މަޖިލީހުން ފާސްކޮށް ބާރުތަކެއް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ..
އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެންވެސް ފުލުހުން ހޯދަން އުޅުނު މީހެކެވެ. އޭރު އަމީން ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ ހައްޔަރުކުރީ ސްރީލަންކާގައި އުޅެނިކޮށް 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ރާއްޖެ ގެނެސް ދޫކޮށްލާފައި ބެހެއްޓުމަށްފަހު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކުރީ 2019 ވަނަ އަހަރު އެވެ.
އަމީންއަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.