ރާއްޖޭގައި މިވަގުތު މިނިވަން ޝަރުޢީ ނިޒާމެއް ނެތްކަމާއި، އޮތީ "ޝަމީމީ ނިޒާމެއް" ކަމަށް މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ފާޑުވިދާޅުވެ އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލީކުވި ފަނޑިޔާރުންގެ އޯޑިއޯތަކުން ރާއްޖޭގައި އޮތީ ޝަރުއީ ނިޒާމެއް ނޫންކަން ވަރަށް ސާފުވާ ކަމަށެވެ. އަދި އިސްލާހު ކުރަން ކަމަށް ބުނެ ރާއްޖޭގެ ޝަރުއީ ނިޒާމު "ކިލަނބުކޮށްފައިވާ" ކަމަށް އަލީ ވިދާޅުވި އެވެ.
"ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ހުކުމްކުރި ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތު އިއުތިރާފު ބަހުން، ދިވެހިރާއްޖޭގައި މިވަގުތު މިނިވަން ޝަރުއީ ނިޒާމެއް ނެތްކަމާއި، އޮތީ 'ޝަމީމީ ނިޒާމެއް' ކަން ވަރަށް ސާފު! އިތުރު އަޑު އެހުންތަކާ ބަހަނާތައް ނުދައްކާ ރައީސް ޔާމީން މިނިވަންކުރަންޖެހޭ،" އަލީ ވަހީދު ވިދާޅުވި އެވެ.
ވިސާގެ މައްސަލައެއްގައި މިހާރު އިނގިރޭސިވިލާތުގެ ސެންޓެއްގައި ބަންދުކޮށްފައި ހުރި އަލީ ވަހީދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމު 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ގެންދެވި ކަޅުދަބަހުގެ ތަފްސީލު ހާމަކުރައްވާނެ ކަމަށެވެ. އަދި އިންސާނެއްގެ މިނިވަންކަން ނުޙައްގުން ހިފަހެއްޓުމުގެ ޖާގަ ދައުލަތުގެ އެއްވެސް މުޢައްސަސާއަކަށް ނޯންނާނެ ކަމަށެވެ.
"ރިފޯމްގެ ނަމުގައި އެއް ލޯފާމަކަށް ޖުޑީޝަރީ ޕްރައިވެޓައިޒްކޮށް ކިލަނބުކޮށްލައިފި. 25 އޮކްޓޯބަރު 2015 ގަ ޕީޖީ ޝަމީމް ގެންދެވި ކަޅުދަބަހުގެ ތަފްސީލު ހަފްތާއެއް ތެރޭ ހާމަ ކުރާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ހައްޔަރު ކުރީ އޯގަސްޓު މަހުގެ 25 ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ. އަދި މުހިންމު ވާހަކަތަކެއް އެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ހިއްސާ ކުރައްވާނެ ކަމަށް ބެލެވިފައި އޮއްވާ އޭނާ ހައްޔަރު ކުރީ އެ ބައްދަލުވުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށްނެވެ.
ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެ އެވެ. އަދި ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފަ އެވެ. އަދި އެ ޖަލު ހުކުމް ތަންފީޒު އިންޓަޕޯލްގެ އެހީ ހޯދާނެކަން ދިވެހި ފުލުހުން ހާމަކޮށްފައިވެ އެވެ.