އަމިއްލައަށް އިސްތަށިގަނޑުގައި ކުލަ ޖެއްސުމަކީ މިހާރަކަށް އައިސް ގިނަ ބަޔަކު ކުރާ ކަމެކެވެ. މިގޮތަށް ކުލަ ޖެއްސުމަކީ ބައެއް ފަހަރު އުއްމީދު ނުކުރާ ކަންތައް ވެސް ކުރިމަތިވާ ކަމެކެވެ. އެހެން ކަމުން އަމިއްލައަށް އިސްތަށިގަނޑުގައި ކުލަ ޖައްސާނަމަ ވިސްނަންވީ ބައެއް ކަންތައްތަކަށް މި ލިޔުމުގައި ބަލާލާނަމެވެ.
އިރުޝާދުތަކަށް ސަމާލުވުން
އަމިއްލައަށް އިސްތަށިގަނޑުގައި ކުލަ ޖެއްސުމަކީ ތަޖުރިބާކާރެއްގެ އެހީއަކާ ނުލާ ކުރާ ކަމަކަށްވުމާއެކު، ކުލަ ޕެކެޓާއެކު ދެވިފައިވާ އިރުޝާދުތަކަށް ބަލައި އެއާ އެއްގޮތަށް ކަންތައް ކުރުމަކީ ކުރިމަތިވެދާނެ ހިތާމަވެރި ކަމަކުން ސަލާމަތް ކޮށްދޭނެ ކަމެކެވެ.
ޓެސްޓު ކުރުން
މުޅި އިސްތަށިގަނޑުގައި ކުލަ ޖެއްސުމުގެ ކުރިން އިސްތަށިގަނޑުގެ ކުޑަ ތަންކޮޅެއްގައި ކުލަ ޖައްސާލުން ބުއްދިވެރި އެވެ. މިގޮތުން އެ ކުލައަކީ ބޮލުގެ ހަންގަނޑާ ނުގުޅޭ ފަދަ ކުލައެއް ނަމަ އެނގި އެލާޖީތައް މަދުވާނެ އެވެ.
މާގިނައިރު މަޑު ނުކުރުން
އިސްތަށިގަނޑަށް ބޮޑަށް ކުލަ އެރުވުމުގެ ބޭނުމުގައި ނަމަވެސް މާ ގިނައިރު ކުލަ ޖައްސައިގެން އިނުމަކީ އޭގެ ސަބަބުން ހަމަށް ގެއްލުން ލިބިދާނެ ކަމެކެވެ. އެހެން ކަމުން އިރުޝާދުތަކުގައިވާ ގަޑިއަށް އިސްތަށިގަނޑު ދޮވެލުން މުހިއްމެވެ.