ބަރުދަން ލުއިކުރުމުގައި އެކި މީހުން ގެންގުޅެނީ އުކުޅެވެ. ދިރިއުޅުމުގެ ކަންކަން ބަހައްޓަނީ އެކި ގޮތަށެވެ. ނަމަވެސް ބަރުދަން ލުއި ކުރާއިރު ހުރިހާ އެންމެން ވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ވަރަށް މުހިއްމު ބައެއް ކަންކަމަށް މި ލިޔުމުގައި ބަލާލާނަމެވެ.
ގިނައިން ފެން ބުއިން
ބަރުދަން ލުއިކުރަން މަސައްކަތް ނުކުރާ ނަމަވެސް މިއީ މުހިއްމު ކަމެކެވެ. ނަމަވެސް ބަރުދަން ލުއި ކުރަން މަސައްކަތް ކުރާ ފަރާތްތަކުން ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމަކީ ގިނައިރު ބަނޑުހައިނުވެ ހުރެ ކެއުން މަދު ކުރުވާނެ ކަމެކެވެ. މާހިރުން ބުނާ ގޮތުގައި ކޮންމެ ދުވަހަކު 2.5 ލީޓަރުގެ ފެން ބޯން ޖެހެ އެވެ.
ކެއުމުގައި މޭވާ ހިމެނުން
ބަރުދަން ލުއިކުރަން މަސައްކަތް ކުރާއިރު ހަކުރު ބޭނުން ކުރުން މަދުކުރުމަކީ އާއްމުކޮށް ދެވޭ ލަފައެކެވެ. ނަމަވެސް މޭވާ އަކީ ގުދުރަތީ ހަކުރު ލިބިދޭ އެއްޗަކަށް ވުމާއެކު ގަވާއިދުން މޭވާ ކެއުމަކީ ހަށިގަނޑުގައި ވަރުޖެހި ބާރު ލިބިދޭނެ ކަމެކެވެ. އެހެން ކަމުން ކެއުމުގައި ގިނައިން މޭވާ ހިމަނައި ސިއްހަތަށް ނުރަނގަޅު އެހެން ބާވަތްތަކާ ދުރުވުން މުހިއްމެވެ.
ގިނައިން ހެލިފެލިވެ އުޅުން
ބަރުދަން ލުއި ކުރާއިރު ގިނަ މީހުން ހިނގަން ނުވަތަ ދުވަންދެ އެވެ. ނުވަތަ ޖިމްއަށްދެ އެވެ. އެހެން ނަމަވެސް މާހިރުން ބުނާ ގޮތުގައި ބަރުދަން ލުއި ކުރުމަށް ހަމައެކަނި ކަސްރަތު ކުރުން އެކަންޏެއް ނުފުދެ އެވެ. އާއްމު ދިރިއުޅުމުގައި ވެސް ވީ ވަރަކުން ހެލިފެލިވެ އުޅުން ގިނަ ކޮށް ހަރަކާތްތެރިވެ އުޅެން ޖެހެ އެވެ.