ދައްކަން އުޅުނު ވާހަކަ ދައްކާނެ ކަމަށާއި އެނބުރި އަންނާނެ ކަމަށް ބުނެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ޓުވީޓް ކުރައްވައިފި އެވެ.
އަލީ ވަހީދު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ދައުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީ އޭނާ ފަހަތަށް ނުޖެހޭނެ ކަމަށެވެ. އިންސާފުވެރި އަދުލުވެރި ޝަރުޢީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނަން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އަދި އިރާދަފުޅުން ދައްކަން އުޅުނު ވާހަކަ ދައްކާނެ ކަމަށާއި އެނބުރި އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު މިގޮތަށް ޓުވީޓް ކުރައްވާފައިވާއިރު، އޭނާ ވަނީ މީގެ 15 ވަރަކަށް ދުވަސްކުރިން އިނގިރޭސި ވިލާތުގައި ހުއްޓާ ހައްޔަރުކޮށްފަ އެވެ.
އޭނާ ހައްޔަރުކުރީ އިނގިރޭސިވިލާތުގެ ފުލުހުންނެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ގިނަ މައުލޫމާތުތަކެއް ހާމަކުރުމަށް އެދުވަހު އޭނާ ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުމަށް ދިއުމުން އެ ތަނުންނެވެ.
އަލީ ވަހީދު ޓުވީޓް ކުރައްވާފައިވާއިރު އިނގިރޭސި ފުލުހުން އޭނާ ދޫކޮށްލީކަމެއް އަދި އޭނާ މިވަގުތު ހުރީ ކޮންތާކު ކަމެއް ސާފެއް ނުވެ އެވެ.
އޭނާ ރާއްޖެ ދޫކުރައްވައި އިނގިރޭސިވިލާތަށް ވަޑައިގަތީ ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެ ވުޒާރާގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކޮށް، ގިނަ އަދަދެއްގެ ދައުވާކޮށްފައިވަނިކޮށެވެ. އިނގިރޭސި ވިލާތަށް ވަޑައިގަތީ ބޭސް ފަރުވާ ކުރެއްވުމަށް ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުން ހުއްދަ ދިނުމުންނެވެ.
އިނގިރޭސިވިލާތުގައި ހުއްޓާ އަލީވަހީދު ހައްޔަރު ކުރިކަން އިނގިރޭސި ފުލުހުން ރާއްޖޭގެ ފުލުހުންނަށް ރަސްމީކޮށް އަންގާފައިވަނީ މި ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހުއެވެ.