އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގްއަކީ އޭނާގެ ހެއްވާ މަޖާ މިޒާޖަށް އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނެކެވެ. ބާރްތީއާއި އޭނާގެ ފިރިމީހާ ހަރްޝްގެ ހެއްވާ، މަޖާ ވާހަކަތަކުގައި މައިގަނޑު މައުޟޫއަކަށް ވެފައި އޮންނަނީ ބާރްތީގެ ބަރުދަނެވެ.
ބާރްތީއަކީ އޭނާގެ ޓީވީ ކެރިއަރު ފެށުނީއްސުރެ ވެސް ސިއްހަތު ރަނގަޅުކޮށް ހުރި ފަންނާނެކެވެ. ފަލަކޮށް ހުރެ ވެސް އޭނާ ވަނީ ނަޗް ބަލިއޭ، ޑާންސް ދިވާނޭ ފަދަ ރިއަލިޓީ ޝޯތަކުގައި ބައިވެރިވެފަ އެވެ.
ނަމަވެސް މިފަހުން ބާރްތީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރާ ފޮޓޯތަކުން އޭނާގެ ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަ ކުރެވޭނެ އެވެ. ކޮންމެވެސް ވަރަކަށް ބަރުދަން ލުއިވެ، ބާރްތީ ފެންނަނީ އިހުނަށްވުރެ ހިކި ކޮށެވެ.
އެންޑް ޓީވީއަށް ދިން އިންޓަވިއު އެއްގައި ބާރްތީ ބުނީ ބަރުދަން ލުއިކުރުމުގެ މަސައްކަތް އޭނާ ފެށީ މީގެ ދިހަ ވަރަކަށް މަސް ކުރިން ކަމަށާއި އެ މުއްދަތުގައި 15 ކިލޯ ލުއި ކުރެވިފައިވާ ކަމަށެވެ. އެގޮތުން ބަރުދަން ލުއި ކުރުމުގެ މަސައްކަތް ފެށިއިރު އޭނާގެ ހަށިގަނޑުގައި 91 ކިލޯ ހުރި ނަމަވެސް މިހާރުގެ ބަރުދަނަކީ 75 ކިލޯ ކަމަށް ވެސް އޭނާ ބުންޏެވެ.
ބާރްތީ ބުނީ ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރަން ފެށި ފުރަތަމަ ދުވަސްކޮޅު ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ނަމަވެސް ދިރިއުޅުމަށް އައި ބަދަލުތަކަށް މިހާރު ހޭނެމުންދާ ކަމަށެވެ.
މީގެ އިތުރުން ބަރުދަން ލުއިވާން ފެށުމާއެކު ކުރިން ދިމާވެފައިވާ ބައެއް ސިއްހީ މައްސަލަތަކަށް ވެސް ލުއެއް ލިބިފައިވާ ކަން ބާރްތީ ފާހަގަކުރި އެވެ.
"މިހާރު ވަރަށް ސިއްހަތު ރަނގަޅު އިހުސާސެއް ކުރެވެނީ،" އޭނާ ބުންޏެވެ.
ބާރްތީ ބުނި ގޮތުގައި އޭނާއަކީ ކެއުމަށް ދެވި ހިފާފައިވާ މީހެއް ކަމަށާއި އެހެން ކެމުން އޭނާއަށް ބަރުދަން ލުއި ކުރެވޭނަމަ ކޮންމެ މީހަކަށް ވެސް އެކަން ކުރެވިދާނެ ކަމަށެވެ.
މަސައްކަތުގެ ދާއިރާއިން ބާރްތީ މިހާރު ފެނިގެންދަނީ ކަލާސްގެ ޑާންސް ދީވާނޭގައި އޭނާގެ ފިރިމީހާ ހަރްޝްއާ އެކީގަ އެވެ.