ދަރިން ތަރުބިއްޔަތުކުރާއިރު، ހަމަހަމަކަން ގެންގުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް ދެ ޖިންސުގެ ކުދިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންނަށް ތަފާތުތަކެއް ގެންގުޅެވޭ ކަމަށް ހެދިފައިވާ ދިރާސާތަކުން ދައްކަ އެވެ. އަންހެން ކުދިން ގެންގުޅުމުގައި ބެލެނިވެރިންނަށް ނޭނގި ވެސް ގިނަ ތަފާތުކުރުންތަކެއް ގެންގުޅެވެ އެވެ.
އިޖުތިމާއީ ކަންކަމާ މެދު ވާހަކަ ދެއްކުން
ދިރާސާތަކުން ދައްކާ ގޮތުގައި ބެލެނިވެރިން އަންހެން ދަރިންނާ އިޖުތިމާއީ ކަންކަމާ ބެހޭގޮތުން ގިނައިން ވާހަކަ ދައްކާއިރު، ފިރިހެން ދަރިންނާ ވާހަކަ ދައްކަނީ ސައިންސް ފަދަ މައުލޫމާތު މުއްސަނދި ކުރުވަނިވި މައުލޫތަކުގަ އެވެ. އެއާ ޚިލާފަށް އިޖުތިމާއީ ކަންކަމަށް ފިރިހެން ކުދިން ވެސް ހޭލުންތެރިކުރުވަން ޖެހެ އެވެ.
ޖަޒުބާތުތައް ދެނެގަތުން
އަންހެން ކުދިން އަވަހަށް ދެރަވާނެ ކަމަށް ގިނަ ބެލެނިވެރިންނަށް ހީވެ އެވެ. އެއާ ޚިލާފަށް ފިރިހެން ކުދިންނަކީ ރުޅި އިސްކުރާ ދަރިން ކަމަށް ވެސް ބެލެވެ އެވެ. އެހެން ކަމުން ގިނަ ފަހަރަށް ބެލެނިވެރިންގެ އަމަލުތައް ހުންނަނީ މި ޖަޒުބާތުތަކާ އެއްގޮތަށެވެ.
ދަރިންނާއެކު ވަގުތު ހޭދަކުރުން
ބެލެނިވެރިން ފިރިހެން ކުދިންނާއެކު ކުޅިވަރު ފަދަ ހެލިފެލިވެ އުޅެވޭ ހަރަކާތްތަކުގައި ބައިވެރިވި ނަމަވެސް އަންހެން ދަރިންނާއެކު ބައިވެރިވަނީ ވަރަށް މަޑުމައިތިރި ހަރަކާތްތަކުގަ އެވެ. ފާހަގަކޮށްލެވޭ އަނެއްކަމަކީ މިތަފާތު ގިނައިން ފެންނަނީ މައިންނަށްވުރެ ބަފައިންގެ ފަރާތުން ކަމެވެ.