ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިސަރުކާރުން ސެކިއުރިޓީއާއި އިނާޔަތްދެމުން އަންނަނީ އެންމެ މަތީ ދަރަޖައަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން އިސްލާމްދީނަށް ފުރައްސާރަކުރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުން ނަޝީދު އަނބުރާ ރާއްޖެއަށް ވަޑައިގަތުމަށް ޖެހިލުންވެވަޑައިގަންނަވާކަން މަޖިލީހަށް އެންގެވުމާ ގުޅިގެން ސަރުކާރުން އެކަމުގައި ބަހެއް ނުބުނާތީ ކަންބޮޑުވުން ފާޅުކުރައްވައި އިދިކޮޅު ކޯލިޝަން މެމްބަރު އާދަމް ޝަރީފު ދެއްކި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
އަހަރު ދުވަހަށް ވުރެ ވެސް ގިނަ ދުވަސް ފަހުން މަޖިލީހަށް ހާޒިރުވެވަޑައިގެން، ގާސިމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ވިސްނުން އަބަދުވެސް ހުންނާނީ އެއިރެއްގައި އޮންނަ ސަރުކާރަށް ނުކުރެވޭ ކަމަށް ފެންނަ ކަންކަމުގެ ވާހަކަދެއްކުމަށް ކަމަށެވެ. އެއީ އަބަދުވެސް އިވޭ އަޑެއް ކަމަށާއި، އެކަމާ ހައިރާންވާންވެސް ނުޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް އިނާޔަތް ދެވިފައިވަނީ ވަރަށް މަތީ ދަރަޖައަށްކަން ގަބޫލުކުރަންޖެހޭ ކަމަށާއި، އެގޮތުން ރައީސް ނަޝީދު ބޭރުގައި ހުންނެވިއިރު ވެސް އެމަނިކުފާނަށް އެމްއެންޑީއެފްގެ ސެކިއުރިޓީ ފޯރުކޮށްދެމުންދާ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ގާސިމް ވިދާޅުވީ ރައީސް ނަޝީދު ބޭރުގައި ފަރުވާ ހޯއްދަވަން ހުންނެވިއިރު އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދެނީ ދައުލަތުން ވަރަށް ބޮޑު ހޭދައެއްވެސް ކޮށްގެން ކަމަށެވެ.
"ރައީސް ނަޝީދަށް ވެސް މި ސަރުކާރުން ހިމާޔަތް ލިބޭނެ، ފަރުވާގައި ހުންނެވިއިރު ވެސް ފުލް ސެކިއިރުޓީ ލިބިގެން ހުންނަން ވާނެ. ދައުލަތުން ވަރަށް ބޮޑެތި ޚަރަދުތަކެއް ކޮށްގެން އެ ކަން އެ ހިނގަނީ،" ގާސިމް ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރައްވަމުން ގާސިމް ވިދާޅުވީ އޭގެ ބައިވެރިން ހޯދައި އެ ކަމުގެ ތަހުގީގު ވަރަށް ރަނގަޅު ދުވެއްޔެއްގައި ހިނގަމުންދާ ކަމަށެވެ.