އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމާފައިވާ ނިންމުމަކީ ގާނޫނާ ހިލާފު ނިންމެއް ކަމަށް ބުނެ އެ ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އަވަހަށް ނިންމައިދިނުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެދެވަޑައިގެންފި އެވެ.
މަހުލޫފް އެ ކަމަށް އެދިވަޑައިގެންފައި ވަނީ ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމި ނިންމުން އޭނާގެ ފަރާތުން އިސްތިއުނާފުކުރުމުން އެ މައްސަލަ ބެލުމަށް ފަހު އިންތިހާބުގައި އަކްރަމަށް ވާދަކުރެވޭނެ ކަމަށް އެމްޑީޕީއިން ނިންމާފައިވާތީ އެކަމަށް އިޝަރާތް ކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ.
މަހުލޫފް ވިދާޅުވީ އޭނާގެ މައްސަލަ އިސްތިއުނާފްކޮށްފައި އޮންނަތާ ހަ ދުވަސް ވެފައިވާ ކަމަށާއި ދެ ދުވަސްތެރޭ ޖަވާބެއް ދޭންވާނެ ކަމަށް ބަޔާންކުރާއިރު އޭނާއަށް ވާނުވާ އެމްޑީޕީގެ ޗެއާޕާސަން އެންގުން އެދޭ ކަމަށެވެ.
"އިންތިހާބަށް 30 ދުވަހަށް ވެފައިވާއިރު ކެމްޕޭން ކުރަން ބޭނުން. ތަފާތުނުކުރައްވާ،" މަހުލޫފް ވިދާޅުވި އެވެ.
އެ އިންތިހާބުގައި މަހުލޫފް ކުރިމަތިލައްވާފައި ވަނީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހު އެމްޑީޕީން މަހުލޫފަށް ފޮނުވި ސިޓީއެއްގައި ވަނީ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ ކަމަށް ބުނެފަ އެވެ. އެގޮތަށް ނިންމީ މަހުލޫފްގެ މައްސަލައެއް އިދާރާތަކުން ބަލަމުންދާތީ ކަމަށް އެމްޑީޕީން ބުނެ އެވެ.
މިކަމާ ގުޅިގެން މީގެ ކުރިން މިނިސްޓަރު މަހުލޫފު ވިދާޅުވީ ގައުމީ މަޖިލީހުގައި ވަޒީރެއްގެ ހައިސިއްޔަތުން އިނދެވިފައި، އެ އިންތިހާބުގައި ވާދަނުކުރެވުނީމާ ހަމައެއް ނުޖެހޭ ކަމަށާއި އެ ހައްގު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެމްޑީޕީން ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދި މަރުތަކުގެ ކޮމިޝަނުން ބަލާ އެއްވެސް މައްސަލައަކާ ގުޅުން ހުންނަ މީހަކަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ނިންމާފަ އެވެ.
މަހުލޫފްގެ މައްޗަށް ހިޔާނާތުގެ ފައިސާ ލިބުނު މައްސަލައިގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމުމުގެ މައްސަލަ ޕީޖީ އޮފީހުގައި އޮތްއިރު މަހުލޫފް ވަނީ އޭނާގެ މައްޗަށް ދައުވާ ކޮށްފިނަމަ ދައުލަތް އޮރިޔާންވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.