ކާށްޓަކީ ދިވެހިންނަށް ވަރަށް ފަސޭހައިން ލިބޭ އެއްޗެކެވެ. މި ސަބަބަށްޓަކައި ކެއްކުމުގަ އާއި އެނޫން ވެސް ބޭނުންތަކަށް ކާށި ވަރަށް ގިނައިން ބޭނުންކުރެވެ އެވެ.
އާއްމުކޮށު ބޭނުންކުރާ ބާވަތެއް ނަމަވެސް ކާށިން ލިބޭ ފައިދާތައް އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ބޭނުން ކުރެވޭ މި ބާވަތަކީ އަހަރުމެންގެ ސިއްހަތަށް އަދި ހަށިގަނޑަށް އެކި ގޮތްގޮތުން ފައިދާކުރާ އެއްޗެއްކަން އެނގޭ ހެއްޔެވެ؟
ހަށިގަނޑުގައި ވަރު ޖައްސައިދޭ
ކާށި ފެނަކީ ނުވަތަ ކުރުނބާ ފެނަކީ ގުދުރަތީ ގޮތުން އޭގައި އެކުލެވޭ އިލެކްޓްރޯލައިޓްސް އަދި އެންޓި އޮކްސިޑަންޓްސްގެ ސަބަބުން ހަށިގަނޑަށް ތާޒާކަން ގެނުވައިދީ ވަރު ޖައްސައިދޭ ބުއިމެކެވެ. ބަލި މީހުން ކުރުނބާ ފެން ބޯން ޑޮކްޓަރުން ލަފާ ދެއްވަނީ އެހެންވެ އެވެ.
އިސްތަށިގަނޑު ރީތިކޮށްދޭ
ކާށިތެލަކީ އިސްތަށިގަނޑުގެ ސިއްހަތަށް އެއްވަނަ ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. މިއީ ސައިންސްއިން ވެސް ސާބިތުވެފައިވާ ކަމެކެވެ. އެގޮތުން ކާށި ކިރާއި ތެލަކީ ވެސް އިސްތަށިގަނޑު ވަރުގަދަކޮށް ދިގު ކުރަން މުޖައްރިބު އުކުޅެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.
ހަން ތާޒާކޮށްދޭ
ކާށި ފެން ހަމުގައި އުނގުޅުމަކީ ހަމުގެ ކުލަ އަލި ކޮށްދޭ ކަމެކެވެ. މީގެ އިތުރުން ކާށިފެން ބުއިމުން ވެސް ހަން ކުރަކިވުން ހުއްޓުވައިދީ ތާޒާކަން ގެނުވައިދެ އެވެ. އެހެންކަމުން ސްކިން ކެއާ ޕްރޮޑަކްޓްތަކުގައި ކާއްޓަކީ ވަރަށް ގިނައިން ބޭނުން ކުރެވޭ އެއްޗެކެވެ.