އއ. ވެލިގަނޑު ރިސޯޓު ކައިރީގައި އޮންނަ މަޑިވަރު ފަޅު ސަރަހައްދަށް ގެއްލުންވާތީ، އެ ރިސޯޓުގެ ފަޅު ހިއްކާ މަޝްރޫއު ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅައިފި އެވެ.

މިމައްސަލަ މަޖިލީހަށް ހުށަހަޅުއްވަފައި ވަނީ ރަސްދޫ ހިމެނޭ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ.

މެމްބަރު ޝިޔާން ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ރަސްދޫ މަޑިވަރު ސަރަހައްދަކީ ގިނަ ބާވަތްތަކެއްގެ ކަނޑުގެ ދިރުން ލިބިގެންވާ ސަރަހައްދެއްކަމުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށް ބަޔާންކޮށްފަ އެވެ. މިގޮތުން އެސަރަހައްދު ހިމާޔަތްކޮށް، މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން އެ ސަރަޙައްދު ބެލެހެއްޓުން އއ. ރަސްދޫ ކައުންސިލާ ހަވާލުކުރުމަށް އީޕީއޭ އިން ނިންމައި، ރަސްދޫ ކައުންސިލްއަށް 2018 ވަނަ އަހަރު ވަނީ އެކަން އަންގާފައިކަމަށް ވެސް ޝިޔާން ހުށައެޅުއްވި މައްސަލާގައި ބަޔާންކޮށްފައިވެ އެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން

އަދި ޒަމާނުއްސުރެ އެ ސަރަހައްދުން ގެދޮރު ބިނާކުރުމާއި އެ ނޫން ކަންކަމަށް ވެސް ރަސްދޫ އަދި އެހެން ރަށްތަކުގެ ރައްޔިތުން ވެލިނަގަމުން އައިއައުން ރަސްދޫ ކައުންސިލުން މިހާރު މަނާކޮށްފައިވާ ކަމަށް ވެސް ޝިޔާން ވިދާޅުވި އެވެ.

ޝިޔާން މަޖިލީހަށް ހުށައެޅި މައްސަލާގައި އިތުރަށް ވިދާޅުވެފައި ވަނީ ޓުއަރިޒަމްއާއި ބެހޭ ގާނޫނާއި ގަވައިދުގައި އޮންނަ ގޮތުން ޓޫރިސްޓް ރިޒޯޓުގެ ޑިވެލޮޕްމަންޓް ކުރިއަށްގެން ދެވޭނީ ރަށުގެ ހޭޅިފަށުން ފެށިގެން 500 މީޓަރު އެތެރޭގައި ކަމަށެވެ. ނަމަވެސް ވެލި ފިނޮޅު ނަމުގައި ވެލިގަނޑު ރިޒޯޓުން ބޮޑުކުރަމުންމިދާ ފަސްގަނޑު މިހާރު ތަރައްގީކުރަނީ އެ ބޭފުޅުންގެ ބައުންޑަރީން ބޭރުން ކަމަށް ދާއިރާގެ ރައްޔިތުން ގަބޫލުކުރާ ކަމަށާއި އެކަމުގެ ޝަކުވާ ކެންޑިނޭޅި ލިބެމުންދާ ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ވެލި ފިނޮޅު ބޮޑު ކުރުމަށް ވެލި ނެގުމަށް ހިލަ ބާޖެއް ކައިރިކުރުމަށް ވަގުތީ ވެލި ބޯޑެއް ޖެހުމުގެ ސަބަބުން އެއިގެ ސެޑިމެނަޓޭޝަން ފެތުރި ސަރަހައްދުގެ މުރަކަތަކުގެ ދިރުމަށް އަސަރުކޮށްފައިވުމާއި އެ ސަރަހައްދުގެ ކަހަނބު ޕޮއިޓާއި ހެމަހެޑް ޝާކް ޕޮއިންޓު ކިލަނބުވެ އެ ނުފެންނާތީ އެ ޝަކުވާ ވެސް ލިބެމުންދާ ކަމަށް ޝިޔާން މަޖިލީހަށް ހުށައެޅި މައްސަލާގައިވެ އެވެ.