ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ ކޮށްފައި ވަނީ ފްރޭމް ކޮށްގެން ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދުގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވެގެން ދިޔަ އެއް އަހަރާއި އެއްމަސް ދުވަހު، އަލީ ވަހީދުގެ މައްޗަށް ހިންގުނު ޖިނާއީ ތަހުގީގައި ޝަރީއަތުގެ އެކި މަރުހަލާތަކުގައި ދައުލަތުންވަނީ ބޭއިންސާފާއި އަނިޔާވެރިކަން އިސްކޮށް، ކުށެއްގެ ތުހުމަތުގައި ކަމަށް ބުނެ ފްރޭމްކޮށްފައި ކަމަށެވެ.
ވަޒީރުކަމުގެ މަގާމުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީ ވެވަޑައިގަތުމުގެ އެއްވެސް ފުރުސަތެއް އަލީ ވަހީދަށް ލިބިފައިނުވާކަން ފާހަގަ ކުރައްވަމުން އެ ބަޔާނުގައި ބުނެފައިވަނީ އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ތަހުގީގު ވެސް ކޮށްފައިނުވާ ކަމަށެވެ.
ހަމައެހެންމެ އަލީ ވަހީދުގެ މައްޗަށް މިހާރު ޕީޖީން އުފުލާފައިވާ އެއްވެސް ދައުވާއަކާ ގުޅޭ ގޮތުން ތަހުގީގު މަރުހަލާގައި ސުވާލުކޮށްފައިނުވާ ކަމަށާއި، ދައުވާ އުފުލީ ކުރި ދައުވާގެ ކުށްތަކުގެ އުންސުރު ފުރިހަމަ ނުވަނީސް ސިޔާސީ ބޭނުމަކަށް ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެއިތުރުން ގާނޫނުއާސާސީ އާއި ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ކުށެއްގެ ތުހުމަތު ކުރެވޭ ފަރާތަށް ލިބެންޖެހޭ މައުލޫމާތާއި ހައްގުތައް އަލީ ވަހީދަށް ސިއްރު ކޮށްފައިވާ ކަމާއި ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އަލީ ވަހީދުގެ ފަރާތްޕުޅުން އެދިވަޑައިގެންނެވި ނަމަވެސް ޝަރީއަތް ސިއްރު ކޮށްފައިވާ ކަންވެސް ފާހަގަ ކުރެ އެވެ.
އަލީ ވަހީދުގެ މައްސަލައިގައި ޕީޖީ އޮފީހުން ކޯޓުތަކާއި މީޑިއާތަކަށް ދޮގު މައުލޫމާތު ދީގެން އޮޅުވާލާފައިވާ ކަމާއި އަދި ނުހައްގުން އަލީ ވަހީދަށް އަދަބު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
ކޯޓުން ޕާސްޕޯޓް ދޫކޮށްލުމާއެކު އަލީ ވަހީދު ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ. ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވަމުން އައި ނަމަވެސް ކޯޓަށް ހާޒިރުވާން އެންގެމުން ހާޒިރުވެފައިނުވާތީވެ ސުޕްރީމް ކޯޓުން ވަނީ މިހާރު އޭނާގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި ޖަލު ހުކުމެއް ވެސް އިއްވާފަ އެވެ. އަލީ ވަހީދަށް އިއްވާފައި ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
އަލީގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. އަދި ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް އިތުރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އިންސާފު ގާއިމު ކޮށްދޭންޖެހޭ ފަރާތްތަކުން އިހުމާލުވަމުންދާ ކަމީ ފެންނަން އޮތް ހަގީގަތެއް. އެމް.އެމް.ޕީ.އާރ.ސީ އިން ވަގަށް ނެގިފައިސާ އިން ބައި އެޅުނު 300 އެއްހާ މީހުން އެތިބީ ގަސްދުގައި ދޫކޮށްލައިފައި. ސިޔާސި މަންފާ އަކަށް. ވަގަށް ނެގި މީހުން އަތުން ފައިސާ އެކި ނަންނަމުގައި ލިބުނު މީހުންނަށް އެ ފައިސާ އަކީ އެމީހުންގެ އެއްޗެއްނޫންކަން އެގި ތިބެމެ އޭގެ ފައިދާ ލިބިގަތް މީހުން މިއަދު އަދުލު އިންސާފޭ، ދައުލަތުން ވައްކަން ކުރުން ހުއްޓުވާނޭ ބުނެ ކަރުން ނާރު ނަގާ ވާހަކަ ދައްކާ.