ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދާ އިނގިރޭސިވިލާތުގައި ބައްދަލުކުރައްވައިފި އެވެ.
މީއީ ރައީސް ނަޝީދު ސަރުކާރުގެ ވަޒީރަކާއި އެމަނިކުފާނަށް ދިން ހަމަލާއަށް ފަހު ބައްދަލު ކުރެއްވި ފުރަތަމަ ފަހަރު އެވެ.
ދެ ބޭފުޅުން ބައްދަލު ކުރެއްވުމުގެ ފޮޓޯ އާއެކު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ރަހުމަތްތެރި ޚާރިޖީވަޒީރު އަދި އދ. ގެ އާންމު ބައްދަލުވުމުގެ އިންތިޚާބީ ރައީސް އަބްދުﷲ ޝާހިދާ ބައްދަލުވެވަޑައިގަތުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އުފާފުޅުވި ކަމެއް ކަމަށެވެ. އަދި އޭގެ އިތުރަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މިއީ އެމަނިކުފާނަށް ދެވުނު ބޮމުގެ ހަމަލާއަށްފަހު ރާއްޖޭގެ ވަޒީރަކާ ބައްދަލުވި ފުރަތަމަ ފަހަރު ކަމަށެވެ.
ރައީސް ނަޝީދަށް މޭ މަހުގެ 6 ވަނަ ދުވަހުގައި ދިން ހަމަލާއަށްފަހު އެމަނިކުފާނު އެންމެ ފުރަތަމަ ފަރުވާއަށް ވަޑައިގަތީ ޖަރުމަންވިލާތަށެވެ. ޖަރުމަނުން ފަރުވާ ހޯއްދެވުމަށްފަހު މިހާރު ގެންދަވަނީ އިނގިރޭސިވިލާތުގައި ފަރުވާ ފުރިހަމަކުރައްވަމުންނެވެ.
މިހަމަލާއަށް ފަހު އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމާ ގުޅޭ ގޮތުން މިއަދު ވަނީ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲއަށް ސިޓީފުޅެއް ފޮނުއްވާފަ އެވެ.
އެ ސިޓީގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނަށް ދިން ހަމަލާގެ ތަހުގީގު ނިންމައި، ހަމަލާ ރޭވުމުގެ އަޑީގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ބަންދު ނުކުރަނީސް ރާއްޖެއަށް ވަޑައިގަތުމަށް ޖެހިލުންވެވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު މިއަދު މިހެން ވިދާޅުވީ ނަމަވެސް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެމަނިކުފާނު ބޭނުންފުޅު ވަނީ ނަޝީދު ވީހާ ވެސް އަވަހަކަށް ރާއްޖެ ވަޑައިގަނެވޭނެ ގޮތެއް ވުމެވެ. އަދި ނަޝީދުގެ ހަމަލާއާ ގުޅިގެން 241 ކޮމިޓީން ތައްޔާރު ކުރި އިންކުއަރީ ރިޕޯޓުގައި ފާހަގަ ކުރި ރެކޮމެންޑޭޝަންތައް ތަންފީޒުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސިޔާސީ ގޮތުން މިހާރު ރައީސް ސޯލިހާއެކު މަސައްކަތް ނުކުރާނެ ކަމަށާއި ސަރުކާރުގެ މިސްރާބު ދަނީ ރަނގަޅަކަށް ނޫން ކަމަށެވެ.