ދަރިންނަކީ ދެމަފިރިއަކަށް ދެއްވާ މަތިވެރި ނިއުމަތެކެވެ. އެ ދެމަފިރިންގެ ދިރިއުޅުން ބާއްޖަވެރިކުރުމަށްޓަކައި ލެއްވި ރަހުމަތެކެވެ. ވީއިރު ދަރިން ތަރުބިއްޔަތުކުރުމުގެ ބުރަ މަސްއޫލިއްޔަތަކީ ހަމައެކަނި މައިންގެ ޒިންމާއެއް ކަމުގައި ދެކިގެން ނުވާނެ އެވެ.
ހެދިބޮޑުވަމުން އަންނަ ދަރިންގެ ދިރިއުޅުމުގައި ބަފައިންގެ ދައުރަކީ ވަރަށް ވެސް މުހިއްމު ދައުރެކެވެ. ދިރިއުޅުމުގެ ކަންކަމުގައި ދަރިން ނަކަލުކުރުން އެންމެ ގާތީ ބައްޕަގެ އާދަތައް ކަމުގައި ދިރާސާތަކުން ދައްކާފައިވެ އެވެ.
އުފަން ވީއްސުރެ އުމުރުން ތިން އަހަރު ވަންދެން ހިނގާ ދުވަސްތަކަކީ ދަރިއެއްގެ ސިކުނޑިއަށް އެންމެ ބޮޑު ބަދަލުތައް އަންނާނެ ދުވަސްވަރެވެ. މި ދުވަސްވަރު ބައްޕަގެ ފަރާތުން އެ ދަރިންނަށް ފެންނަ ނަމޫނާތަކަކީ އެކުދިންގެ މުޅި ދިރިއުޅުމަށް އަސަރުކުރާނެ ކަމެކެވެ.
އެހެން ކަމުން ދަރިން ތަރުބިއްޔަތުކުރުމުގެ ހުރިހާ ޒިންމާއެއް މައިންގެ ބޮލަށް ޖަހައި އަތް އުރާލައިގެން ތިބެވޭކަށް ބަފައިންނަކަށް ވެސް ނެތެވެ. އެހެނީ ނެޕީ ބަދަލުކޮށް، ފެންވެރުވުމާއި ދަރިންނަށް ކާން ދިނުން ފަދަ ގޭތެރޭގެ އެންމެ ކުދި ކަންކަމުގައި ވެސް ބަފައިން މަސްއޫލުވެ އުޅުމަކީ އެކަމުގެ އެދެވޭ އަސަރު ކުދިންގެ ހެދިބޮޑުވުމަށް ކުރާނެ ކަމެކެވެ.
ދަރިން ތަރުބިއްޔަތު ކުރުމަކީ ދެމަފިރިން ވެސް އެއްވަރަކަށް ހިއްސާވެގެން ކުރަން ޖެހޭނެ ކަމެކެވެ. ދަރިންގެ ޅަފަތުގައި މައިންބަފައިންގެ ހިއްސާ އެއް ހަމައެއްގައި ފެނިގެން ދިއުމަކީ ދަރިންގެ މުސްތަގުބަލަށް އަސަރުކުރާ ކަމަކަށްވެ އެވެ.