ރާއްޖެއިން ލިބެން ނެތް ސިއްހީ ފަރުވާ ހޯދަން ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ދިވެހިން ރެކޯޑް އަދަދަކަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށް ހިނގައްޖެ އެވެ.
ދުނިޔޭގައި ވެސް ފުޅާ ދާއިރާގައި ސިއްހީ ހިދުމަތްދޭ އެސްޓާ ޑީއެމް ހެލްތު ކެއާ އާ ހަވާލާދީ ބިޒްނަސް ވަޔާގައި ބުނެފައި ވަނީ އެ ކުންފުނިން ދުބާއީ ހިދުމަތް ދޭން އެ ކުންފުނީގެ ހެޑްކުއާޓަރުގެ އިތުރުން ހަތް ހޮސްޕިޓަލް ހުޅުވާފައިވާ ކަމަށެވެ. މީގެ އިތުރުން ސިއްހީ ހިދުމަތް ދޭ 365 ތަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
އެސްޓާ އިން ބުނެފައި ވަނީ އާބާދީގެ ނިސްބަތުން ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑް ފެތުރުނު ރާއްޖޭގައި ނަރުހުންގެ ދަތިކަން ވެސް އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށެވެ. އެއާއެކު ރެކޯޑް މިންވަރަކަށް ދިވެހިން ދުބާއީން ފަރުވާ ހޯދިކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް ދުބާއީގައި ހުންނަ ހޮސްޕިޓަލްތަކުން ފަރުވާ ހޯދި ދިވެހިންގެ އަދަދެއް އެސްޓާއިން ހާމަކޮށްފައެއް ނުވެ އެވެ.
މެޑިކަލް ވެލިއު ޓްރެވަލް ސިޓީއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ދުބާއީއަކީ ދުނިޔޭގެ މެޑިކަލް ޓޫރިޒަމް އިންޑެކްސްގައި ހަވަނައިގައި ހިމެނޭ ސިޓީއެވެ.
އެސްޓާ ޑީއެމް ހެލްތު ކެއާގެ ޑެޕިިއުޓީ މެނޭޖިން ޑިރެކްޓަރު އަލީޝާ މޫޕެން ވިދާޅުވީ އެ ހޮސްޕިޓަލުން މެޑިކަލް ވެލިއު ޓްރެވަލް އަށް ހާއްސަކޮށްގެން އާ ވެބްސައިޓެއް ތައާރަފުކޮށްފައިވާ ކަމަށެވެ.
"ދުބާއީގައި ހުންނަ އަޅުގަނޑުމެންގެ ހޮސްޕިޓަލްތަކުން ފޯރުކޮށްދެނީ އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދުމަތްތައް. އެ ހިދުމަތް ދެނީ ދެ ފުށް ފެންނަ އެހާމެ އަވަސް އަދި ބަންޑަލް އަގުތަކެއްގައި،" އޭނާ ވިދާޅުވި އެވެ.
އެ ހޮސްޕިޓަލުން ބުނީ ރާއްޖޭގެ ހާލަތަށް ބަލައި ދިވެހިންނަށް ހާއްސަ ހެޔޮ އަގެއްގައި ހިދުމަތް ފޯރުކޮށްދޭ ކަމަށެވެ. އެގޮތުން ބޮޑެތި ބަލިތަކަށް ހާއްސަކޮށްގެން ތަފާތު އެކި ހިދުމަތްތައް ފޯރުކޮށްދޭ ކަމަށް ވެސް އެސްޓާ އިން ބުންޏެވެ.
އެސްޓާގެ ގިނަ އަދަދެއްގެ ހޮސްޕިޓަލްތައް އިންޑިއާގެ އެކި ސިޓީތަކުގައި ވެސް ހިންގަ އެވެ.
މި ސަރަހައްދުގައި ހުޅުވާލާފައިވާ މަދު ސިޓީތަކުގެ ތެރޭގައި ހިމެނޭ ދުބާއީއަށް ގިނަ އަދަދެއްގެ ދިވެހިން ޗުއްޓީ އަށާއި ވިޔަފާރީގެ އެކި ބޭނުންތަކަށް ދަތުރުކުރެ އެވެ.