ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
ކަރެކްޝަންސް އިން ބުނީ ސުޕްރީމް ކޯޓުން އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ހުކުމް މިއަދު ލިބިފައިވާ ކަމަށާއި އެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ފުލުހުންގެ އެހީތެރިކަމަށް އެދޭނެ ކަމަށެވެ.
އަލީ ވަހީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށް، ފުރަން ހުއްދަ ދިނުމާ ގުޅިގެންނެވެ. އަލީ ވަހީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.
އަލީ ވަހީދު ކޯޓަށް ހާޒިރުވާން އެންގުމުން ވެސް ހާޒިރު ނުވެ ހުރުމަތް ކަނޑާލި މައްސަލައިގައި އަލީ ވަހީދު 2 އަހަރާއި، 12 ދުވަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ އިއްޔެ އެވެ.
އަލީ ވަހީދު ގެނައުމަށް ކަރެކްޝަނުން މަސައްކަތް ފަށާފައިވާއިރު، އޭނާ ހުރި އިނގިރޭސިވިލާތަކީ ޔޫރަޕިއަން ޔޫނިއަނުން ވެސް ވަކިވެފައިވާ ގައުމެކެވެ. އަދި އެ ގައުމަކީ މީގެ ކުރިން ވެސް އަލީ ވަހީދާއި ރާއްޖޭގެ އެތައް ސިޔާސީ ބޭފުޅުންނަށް ހިމާޔަތް ދީފައިވާ ގައުމެކެވެ. އެހެންކަމަށް ވުމުން އަލީ ވަހީދު ގެނައުމަށް ކުރެވޭ މަސައްކަތުގައި މިފަދަ ހުރަސްތަކެއް އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ ހަތަރު މަހުގެ މުއްދަތަކަށް ކޯޓުން ދިން ހުއްދަޔާއެކު އެވެ. އެހެންނަމަވެސް މިހާތަނަށް ވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ.