ދީބާޖާއަށް ބަދަލު ދޭން ހުކުމްކުރީ ގާނޫނު އުސޫލުތަކާ ޚިލާފަށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ހުކުމްކުރި މައްސަލަ ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ ދީބާޖާއަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމުގައި އެ އަދަދު ހިސާބު ކުރި ގޮތެއް އެނގެން ނެތް ކަމަށެވެ. ފެންނަން އޮތީ ދީބާޖާއިން ހުށަހެޅި ޕްރޮފިޓް އެންޑް ލޮސް ފައިނޭޝަލް ސްޓޭޓްމަންޓެއް ކަމަށާއި އެއީ އޮޑިޓިން އުސޫލުތަކަށް ފެތޭ ލިޔުމެއް ވެސް ނޫން ކަމަށް ދައުލަތުން ބުންޏެވެ. އަދި އެއީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި ބުނާ އުސޫލުތަކާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ބުނެ، ދައުލަތުން އެދުނީ ދީބާޖާއަށް ބަދަލު ދޭން ނުޖެހޭނެ ކަމަށް ނިންމައި ދިނުމަށެވެ.

ސިވިލް ކޯޓުން ދީބާޖާއަށް ބަދަލު ދޭން ހުކުމްކޮށްފައި ވަނިކޮށް 2018 ވަނަ އަހަރު ހައި ކޯޓުން އެ ހުކުމް ބާތިލްކުރި އެވެ. އެކަމަކު މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ. އެއީ ހައި ކޯޓަށް މައްސަލަ ބަލައިގަތީ އިސްތިއުނާފްގެ މުއްދަތު ހަމަވިފަހުން ކަމަށްވާތީ އެވެ. އަދި އެކަމަށް މަގްބޫލު އުޒުރެއް ދައުލަތަށް ނުދެއްކޭތީ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ މުއްދަތު ހަމަވުމުގެ ކުރިން އިސްތިއުނާފަށް ހުށަނޭޅުނީ ސިވިލް ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދޫކުރުން ލަސްވުމުން ކަމަށެވެ. ރައްދުގައި ދީބާޖާއިން ބުނީ އެ މައްސަލަ އިސްތިއުނާފް ނުކުރެވުނީ މައްސަލަ ހަވާލުވި ވަކީލުގެ އިހުމާލުން ކަމަށް ދައުލަތުން ކުރިން ސުޕްރީމް ކޯޓުގައި ބުނެފައިވާ ކަމަށާއި މިހާރު ވާހަކަ ދައްކަނީ ހަގީގަތާ ޚިލާފަށް ކަމަށެވެ. އަދި އެއީ މަގްބޫލު އުޒުރެއް ނޫން ކަމަށް އޭރު ދައުލަތުން އެއްބަސްވި ކަމަށް ދީބާޖާގެ ވަކީލުން ވިދާޅުވި އެވެ.

ދީބާޖާގެ ވަކީލުން ވަނީ ސުޕްރީމް ކޯޓުގެ ނިންމުމެއް އެ ކޯޓުން އަލުން ބަލަނީ ކިހިނެތްތޯ ވިދާޅުވެ ސުވާލު އުފައްދައިފަ އެވެ. އަދި ކޯޓުތަކަށް ކަންކަން ނިންމޭނީ ގާނޫނުތަކާ އެއްގޮތަށް ކަމަށާއި ދީބާޖާ މައްސަލާގެ ނިންމުން އަލުން ރިވިއު ކުރަންޖެހޭ ސަބަބެއް ދައުލަތަށް ނުދެއްކޭ ކަމަށް ދީބާޖާގެ ވަކީލުން ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.