ކޮވިޑުން ދިފާޢުވުމަށް ވެކްސިން ނުޖަހާ ފަރާތްތަކުން ރިލީޒް ސާމްޕަލްއަށް ފައިސާ ދައްކަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނީ މިގޮތަށް އަމަލުކުރަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީގު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ، ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އުމުރުފުރާގެ މީހުންގެ ތެރެއިން ވެކްސިން ނުޖަހާ މީހުންނަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި މިހާރު އަމަލުކުރަންޖެހޭ އުސޫލަށް އަންނަމަހުގެ އެކަކުން ފެށިގެން ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ ވެކްސިން ޖަހާ މީހުންގެ ނިސްބަތް އަދިވެސް އެންމެ ބޭނުންވާ މިންވަރަށް އިތުރު ނުވާތީ، ވީހާ ވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ވެކްސިން ނުޖަހާ ބަލި އުޅޭ ރަށަކުން ދަތުރުކުރާ ފަރާތްތައް އެބަޖެހޭ ކަރަންޓީނުވާން މިހާރު މި އޮތް އުސޫލުން. ކުރިއަށް އޮތްތަނުގައި ވެސް ކަރަންޓީނު ވާންޖެހޭނެ. އެހެން ނަމަވެސް ކަރަންޓީނުވެފައި މި ނަގާ ރިލީޒް ސާމްޕަލް އެކެއް ސެޕްޓެމްބަރުން ފެށިގެން ވެކްސިން ނުޖަހާ ފަރާތްތަކުން ދަތުރުކޮށްފައި ކަރަންޓީނުވެފައި މި ނަގާ ރިލީޒް ސާމްޕަލް އެބޭފުޅުން އަމިއްލަ ޚަރަދުގައި ހަދަންޖެހޭ ގޮތަށް މިވަނީ ހަމަޖެހިފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެޗްޕީއޭއިން ހަމަޖައްސާފައިވާ އުސޫލުގައިވާ ގޮތުން ވެކްސިން ނުޖަހާ މީހުން، ބަލި އުޅޭ ރަށަކުން ދަތުރުކުރާ ނަމަ ކަރަންޓީންވާން ޖެހެ އެވެ. އަދި އެ ފަރާތްތަކަށް ރަށުތެރެއަށް ނިކުމެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު އެވެ.
ވެކްސިން ނުޖަހާ ފަރާތްތަކުން ކަރަންޓީންވުމަށްފަހު އަމިއްލަ ޚަރަދުގައި ޕީސީއާރް ޓެސްޓް ހަދަންޖެހޭ ގޮތަށް ނިންމާފައިވާއިރު، އާބާދީގެ ނިސްބަތުން ވަކި ވަރަކަށް ވެކްސިން ފުރިހަމަކޮށްފައިވާ ރަށްތަކުން ދަތުރުކުރާ ނަމަ އިތުރު ލުއިތަކެއް ވެސް ދިނުމަށް އެޗްއީއޯސީން ވަނީ ނިންމަވާފަ އެވެ.
އެގޮތުން ފަސް ޕަސެންޓަށްވުރެ ޕޮޒިޓިވިޓީ ދަށް ރަށްރަށުން ވެކްސިން ޖަހާފައި ތިބި މީހުން ދަތުރުކުރުމުގެ ކުރިން މިހާރު ހަދަން ޖެހޭ ޕީސީއާރް ޓެސްޓު އެކެއް ސެޕްޓެމްބަރުން ފެށިގެން ހަދާކަށް ނުޖެހޭނެ އެވެ. މި ލުއި ދޭން ނިންމާފައި ވަނީ 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުންނާއި، އެ ރަށެއްގެ 60 އަހަރުން މަތީގެ 95 ޕަސެންޓް މީހުން އަދި ގެސްޓް ހައުސް ވިޔަފާރިކުރާ ރަށެއް ނަމަ އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ 95 ޕަސެންޓް މީހުން ވެކްސިން ކަވަރޭޖް ފުރިހަމަކޮށްފައިވާ ރަށްރަށުން ދަތުރުކުރާ ފަރާތްތަކަށެވެ.