މަރު ކޮމިޝަނުގެ މެންބަރު މިސްބާހު އައްބާސް އުޅުއްވަނީ އެމްޑީޕީގެ ޕްރޮޕެގެންޑާ ޚަބަރުތައް ފެތުރުމުގައި ކަމަށާއި މިފަދަ މެންބަރުން ވަގުތުން ވަގުތަށް ވަކިކުރަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލަ ނުބަލަން ރައީސް ޔާމީން އުމަރު ނަސީރަށް މެސެޖް ކުރެއްވިކަން ހާމަވެއްޖެ ކަމަށް ބުނެ ރާއްޖެ އެމްވީގައި ލިޔެފައިވާ ޚަބަރަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ.
ޑރ. ޖަމީލް އިތުރަށް ވިދާޅުވީ މަރު ކޮމިޝަން ފަދަ ޚުތޫރަތްތެރި ޒިންމާއެއް ހާވަލުވެފައިވާ ތަނެއްގެ މެންބަރަކު ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވެގެން ނުވާނެ ކަމަށެވެ.
"މަރު ކޮމިޝަނުގެ މެންބަރު މިސްބާހު އުޅުއްވަނީ އެމްޑީޕީގެ ޕްރޮޕެގެންޑާ ޚަބަރުތައް ފެތުރުމުގައި. މިފަދަ މެންބަރުން ވަގުތުން ވަގުތަށް ވަކިކުރަންޖެހޭ،" ޑރ. ޖަމީލް ވިދާޅުވި އެވެ.
ރައީސް ޔާމީން މަރު ކޮމިޝަނަށް އިއްޔެ ހާޒިރުކޮށްފައި ވަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގެ ތަހުގީގަށް އެމަނިކުފާނު ހުރަސްއެޅުއްވި ކަމަށް ތުހުމަތުކޮށް ކަމަށް ރައީސް ޔާމީނުގެ ވަކީލުން ވިދާޅުވެފައިވެ އެވެ. އަދި އެމަނިކުފާނަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރައްވައި ރައީސް ޔާމީން އެ ތުހުމަތުތައް ދޮގުކުރެއްވި ކަމަށް ވެސް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެފައިވެ އެވެ.
އެކަމާ ގުޅިގެން އިއްޔެ ބައެއް މީޑިއާތަކުގައި އެ ކޮމިޝަނުގެ މެމްބަރު މިސްބާހް ވިދާޅުވީ އެ މައްސަލާގައި ކޮމިޝަނުން އެތައް ފަހަރަކު ސުވާލުކުރުމުން ވެސް ޔާމީން ހުންނެވީ ހަނު ކަމަށާއި، މި ތުހުމަތަށް ޖަވާބުދާރީވާން ތަކުރާރުކޮށް ފުރުސަތު އެރުވުމުން ވެސް ޔާމީން ހަނު ހުންނެވުމުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
ރިލްވާނުގެ މަރުގެ މައްސަލަ ތަހުގީގު ނުކުރުމަށް ރައީސް ޔާމީން އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް އެންގެވި ކަމަށް ބުނެ ރާއްޖެއެމްވީގައި ޚަބަރެއް ޖެހުމުން އެއީ ސައްހަ ވާހަކައެއް ނޫން ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.
1978 ގައި ރައްޔިތުން الاستاذ مأمون عبد القيوم އާއި ޤައުމު ހިންގަން ހަވާލުކުރި. 30 އަހަރު ފަހުން އެމަނިކުފާނު ޤައުމު ހަވާލުކުރީ ޤައުމު ހިންގޭ ވަރު ބަޔަކާ ނޫން އަނެއްކާ ވެސް ޤައުމު ހިންގުމާ އެމަނިކުފާނު ހަވާލު ވާންވެއްޖެ ނުންތޯ ؟