ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު އއ. ބޮޑުފޮޅުދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ހަދައިފި އެވެ.
ބީއެމްއެލް އިން ބުނީ މި ޕްރޮޖެކްޓަކީ "ރިވޮލޫއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން" އިން އިސްނަގައިގެން ހިންގި ޕްރޮޖެކްޓެއް ކަމަށެވެ.
މިތަން ފަރުމާކުރެވިފައި ވަނީ ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް މިތަން ބޭނުންކުރެވޭނެހެން އަލިކޮށް އެއްފަހަރާ އަށް މީހުންނަށް މަސްކަނޑަން ތިބެވޭނެ ގޮތަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ސާފު ރީތިފެން ލިބޭނެހެން ތަރައްގީ ކޮށްފައިވާ މިތަނުގައި މަސްކަނޑާ ޖާގައިގެ އިތުރުން ތަކެތި ރައްކާ ކުރެވޭނެ ގުދަނެއްވެސް މިސަރަހައްދުގައި ހަދާފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. މިއީ މަސްވެރިންގެ އިތުރުން ރަށުގެ އާންމު ރައްޔިތުންނަށް ވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކޮށްފައިވާ ތަނެކެވެ.
ޕްރޮޖެކްޓް ކާމިޔާބު ކުރި ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ޖަމިއްޔާގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ މިތަނުގެ ސަބަބުން ރަށުގެ މަސްވެރިންނަށާއި އާންމު ރައްޔިތުންގެ ވެސް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ތާޒާ ކަންމަތީގައި މަސް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ބޮޑުފޮޅުދޫ އަކީ މަސްވެރިން ގިނަ ރަށެއް. މިރަށަށް ތާޒާ އަދި ގަނޑުކުރެވިފައިވާ މަސް ވިއްކުމަށްވެސް އެކި ދޯނި ފަހަރު އަންނާނެ. އެހެން ކަމުން މަސްކަނޑަން ހާއްސަ ސަރަހައްދެއް ނެތުމުން މަސް ކެނޑުމަށާއި ސާފުކުރުމަށް މީހުން އެއްވަނީ ބަނދަރު މައްޗަށް. އަދި ކުނި އުކާލަނީ މި ސަރަހައްދުގައި ބެހެއްޓިފައިވާ ޑަސްޓްބިންތަކަށް. މިހާރު ފަސޭހަކާއެކު ކޮންމެ ވަގުތެއްގައިވެސް މަސްވެރިންނާއި އާންމު ރައްޔިތުންވެސް މިސަރަހައްދު މަސްކެނޑުމަށް ބޭނުންކުރެވޭނެ. މިއީ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މި ޖަމިއްޔާއިން ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޖެކްޓެއް. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލެވި ރަށުގެ ރައްޔިތުންނަށް ހަދިޔާ ކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބުނު ބޮޑު އުފަލެއް. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." ނަސީމް ވިދާޅުވި އެވެ.
މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލުމަށް ބީއެމްއެލްގެ އިތުރުން ސްޕޮންސަރުންނާއި ކްލަބް ގެ މެންބަރުންގެ އިތުރުން ވޮލަންޓިއަރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.