ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސްކޫލްތައް ބަންދުކުރުމުން ދަރިވަރުންނަށް މެދުނުކެނޑި ތައުލީމު ފޯރުކޮށްދެވެން އޮތް ހަމައެކަނި ގޮތަކަށްވީ އޮންލައިން ކްލާސްތައް ނެގުމެވެ. ކުރީގެ އާންމު ހަލަތަށް ދެވޭނެ ދުވަހެއް އަދި ހިޔާލަށް ގެންނަން ވެސް ދަތިއިރު އޮންލައިން ކްލާސްތަކުގައި އަރަހެމެންގެ ކުދިން ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ.
ކޮވިޑާި ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދުކޮށްފައި އޮންނަތާ ތިން މަސްދުވަސް ފަހުން ޖުލައި މަހުގެ ތެރޭގައި އަލުން، އައު އާންމު ހާލަތަށް ސްކޫލްތައް ހުޅުވާލި އެވެ. އެހެން ނަމަވެސް މާލެ ސަރަހައްދުގެ ސްކޫލްތައް ހުޅުވީ ގްރޭޑް 9 އަކުން މަތީ ގްރޭޑްތަކަށް އެކަންޏެވެ. އަދި ކިޔަވައިދޭ ގަޑި މަދުކޮށް ހަފްތާއަކު ހަތަރު ދުވަހު ކިޔަވައިދޭ ގޮތަށް ހަމަޖެއްސި އެވެ. ސްކޫލްތައް ބަންދުވެފައި އޮތް ދުވަސްތަކުގައި ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދިނީ އޮންލައިން ކްލާސްތަކާއި ޓެލެކިލާސް މެދުވެރިކޮށެވެ. އަދި މިހާރު މާލެ ސަރަހައްދުގެ ސްކޫލަށް ހާޒިރުނުވާ ގްރޭޑްތަކުގެ ދަރިވަރުންނަށް ވެސް ދަނީ އޮންލައިންކޮށް ކްލާސްތައް ނަގައިދެމުންނެވެ.
ކުއްލިއަކަށް ތައުމީލީ ނިޒާމަށް މި ގެންނަން ޖެހުނު ބަދަލާއި އެކު މުދައްރިސުންނާ ދަރިވަރުން އަދި ބެލެނިވެރިންނަށް ވެސް ބުރަ ބޮޑުވެފައިވާކަން ގައިމެވެ. މިއީ އެއްވެސް ބަޔަކު ތައްޔާރުވެގެން ތިބި ފަދަ ހާލަތެއް ނޫނެވެ. ގޭގައި ބަންދުވެގެން ތިބެން ޖެހުމުގެ ހާސްކަމާއި ޕެންޑެމިކްގެ ނުތަނަވަސްކަމާއެކު ދަރިވަރުންނަށް މިވަނީ މުޅިން އައު ލާނިން ސިސްޓަމަކަށް ހޭނެން ޖެހިފަ އެވެ. މިކަމުގައި ބެލެނިވެރިން ކުދިންނަށް އެހީތެރިވުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައް މި ލިޔުމުގައި ހިމަނާލާނަމެވެ.
ގޭގައި އިންޓަނެޓް ލިބޭނެ އިންތިޒާމު ހަމަޖެއްސުން
ދިވެހި ރާއްޖޭގައި އިންޓަނެޓް ކަނެކްޝަންގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ އެވެ. އެހެން ނަމަވެސް ނުދައްކާ ވާކަށްވެސް ނެތެވެ. ސަބަބަކީ އޮންލައިން ކްލާސްތަކުގެ މުހިއްމުކަން މިިހާ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ރަނގަޅު އިންޓަނެޓް ކަނެކްޝަންއެއް ނެތް ނަމަ ދަރިވަރަށް ބައިވަރު ފިލާވަޅުތަކެއް ގެއްލިގެންދާނެތީ އެވެ. އަދި މީގެ ސަބަބުން ކުއްޖާ ސްޓްރެސްގެ ތެރެއަށް ވެއްޓިގެންދާނެތީ އެވެ.
މީގެ ހައްލަކީ ގޭގައި ރަނގަޅު އިންޓަނެޓް ކަނެކްޝަނެއް ހުރިކަން ބެލެނިވެރިޔާ ކަށަވަރުކޮށްދިނުމެވެ. ނުވަތަ އެގޮތަށް ވާން ނެތްނަމަ ކްލާސް ޓީޗަރަށް ނުވަތަ ސްކޫލަށް އެކަން އެނގުމެވެ. ލޮކްޑައުންގެ ތެރޭގައި މުދައްރިސުން ވަނީ އިންޓަނެޓް ނުލިބޭ ކުދިންނަށް ފިލާވަޅުތައް ޕްރިންޓްކޮށްގެން އެ ކުދިން އުޅޭ ގޭގެއަށް ވެސް ގެންގޮސްދީފަ އެވެ. ކޮންމެ ގޮތެއް ހަދާފައިވިޔަސް ދަރިވަރަށް ފިލާވަޅުތައް ލިބޭ ކަން މުދައްރިސުން ކަށަވަރުކުރާނެ އެވެ. އަދި މިކަމަށް މަގުފަހިކޮށްދިނުމަކީ ބެލެނިވެރިޔާގެ ކޮނޑުގައި އެޅިފައި އޮތް ބޮޑު ޒިންމާ އެކެވެ.
ކުއްޖާގެ ސަމާލުކަން ގެއްލޭ ފަދަ ކަންތައް ނުކުރުން
ގެއާއި ސްކޫލާ ވަރަށް ތަފާތުވާނެ އެވެ. ސްކޫލަކީ ހާއްްސަކޮށް އުނގެނި އުނގަންނައި ދިނުމަށް ހެދިފައި ހުރި ތަންތަނަށް ވުމެވެ. އެހެން ނަމަވެސް ގެއަކީ ނިދާ ކައިބޮއެ ހުރިހާކަމެއް ވެސް ކުރާ ތަނެކެވެ. އެހެން ކަމުން ގޭތެރޭގައި އާއިލާގެ އެކި މެމްބަރުންނާއި އެކު އުޅޭ އިރު ކުދިންނަށް އޮންލައިން ކްލާސްތަކަށް އެ ދޭންޖެހޭ ވަރަށް ސަމާލުކަން ނުދެވޭ ފަހަރު އާދެ އެވެ.
މިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން އޮންލައިން ކްލާސްތައް ކުރިއަށްދާ ވަގުތު ގޭގައި އުޅޭ އެހެން މީހުންވެސް އެކަމަށް އިހުތިރާމުކޮށް އަޑުހަރުކޮށް ވާހަކަ ދައްކާ، ޓީވީ ބެލުން ފަދަ ކަންތައް ނުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ބަދިގެ ތެރޭގައި އުޅޭ ވަގުތުވެސް ވީހާވެސް އަޑުމަޑުކޮށް އުޅެވޭތޯ ބަލަންވާނެ އެވެ.
އޮންލައިން ކްލާސް ކުރިއަށްދާ ވަގުުތު ކުއްޖާއަށް ކޮންމެވެސް ވަރަކަށް ޕްރައިވެސީ ދީ
ބައެއް ބެލެނިވެރިންނަކީ ކުދިން ސްމާޓް ޑިވައިސްތަކާއި އިންޓަނެޓް ބޭނުންކުރާގޮތް ހަރުކަށިކޮށް މޮނިޓާ ކުރާ ބެލެނިވެރިންނެވެ. އެއި އެކަން އޮންނަންވާނެ ގޮތްވެސް މެ އެވެ. އެހެން ނަމަވެސް ހުރިހާ ހާލަތްތަކުގައި މިއީ ރަނގަޅުކަމަކަށް ނުވެދާނެ އެވެ.
މިސާލަކަށް އޮންލައިން ކްލާސް ކުރިއަށްދާ ވަގުތު މުދައްރިސް ކިޔަވައިދޭ ގޮތް ނުވަތަ ނަގައިދެނީ ކޮން ފިލާވަޅެއްތޯ ބަލަން ކޮޓަރީގެ ކަނެއްގައި އިނދެވޭ ދޯ އެވެ؟ އަވަހަށް ތިކަންތައް ހުއްޓާލާށެވެ. ތިމާއަށް ނޭނގުނަސް މީގެ ސަބަބުން ކުއްޖާ އަދި މުދައްރިސަށް ވެސް ނުތަނަވަސްކަން އިހުސާސުވެދާނެ އެވެ. ކްލާސް ކުރިއަށް ދިޔަ ގޮތް އެނގެން ކިތަންމެ ބޭނުންވިޔަސް ކްލާސް ނިމުމުން ދަރިފުޅު ގާތުގައި އަހާލަން މަޑުކޮށްލާށެވެ.
މުދައްރިސުންނަށް މަލާމާތްކުރުން ހުއްޓާލާ!
މި ޕެންޑެމިކްގެ ތެރޭގައި މަސައްކަތް އެންމެ ބުރަ އެއްބަޔަކީ މުދައްރިސުން ކަމާމެދު ޝައްކެއް ނުކުރަމެވެ. މުޅިން އާގޮތަކަށް ކިޔަވައިދިނުމުުގެ ވައްޓަފާޅި ބަދަލުކޮށް އާ ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ފަރިތަވާން ޖެހުނެވެ. އަދި ދުވަހަކު ކެމެރާގެ ކުރިމައްޗަށް ނާރާ މުދައްރިސުން ކަށީން ހިތްވަރުލައިގެން ލައްކަ ޓެލިކިލާހެއް ވެސް ރިކޯޑްކޮށް ދަރިވަރުންނާ ހަމައަށް ގެނެސްދީފި އެވެ. އެހެން ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން މުދައްރިސުން ކުރާ މަސައްކަތަށް މަލާމާތްކޮށް ދިވެހި ފިރިހެނަކު އާންމުކުރި ވީޑިއޯއެއް ފެނިފައި ވަރަށް ހިތަށް އަސަރުކުރި އެވެ.
މި ދައްކަނީ މީސްމީޑިއާގައި އާންމުވި އެންމެ ވީޑިއޯ އެއްގެ ވާހަކަ އެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް ބެލެނިވެރިންނަކީ ދަރިފުޅު ގާތުގައި ބައިންދައިގެން މުދައްރިސުން ފިލާވަޅު ނަގައިދޭ ގޮތާ މެދު ހިތްހަމަ ނުޖެހިގެން ނުވަތަ މަލާމާތްކޮށް ވާހަކަ ދައްކާ ބެލެނިވެރިންނެވެ. މިއީ ހަގީގަތުގައި ވަރަށް ދެރަކަމެކެވެ. މީގެ ސަބަބުން ދަރިވަރު މުދައްރިސަށް ކުރާ އިހުތިރާމު ގެއްލި، އޮންލައިން ކްލާސްތަކަށް އެ އޮންނަ ޝައުގުވެރިކަން ވެސް ގެއްލިގެން ހިނގައިދާނެ އެވެ.
ކުއްޖާ ހިތްހަމަ ޖެއްސުމަށް ވަގުތުކޮޅެއް ހޯދަން ހަނދާންކޮށްދީ
ގޭގައި ބަންދުވެފައި ތިބެން ޖެހުމުގެ ފޫހިކަމާއެކު އޮންލައިން ކްލާސްތަކަށް ހާޒިރުވެ އޮންލައިންކޮށް ފިލާވަޅުތައް ހެދުމަކީ ކުއްޖާ ހާސްވެ ކަންބޮޑުވާނެ ކަންތައްތަކެވެ. އެހެން ކަމުން ދަރިފުޅަށް ސިއްހަތަށް ރަނގަޅު ކާނާ ކާން ހަނދާކޮށް، ގޭތެރޭގައި ވެސް ކުޑަކޮށް ކަސްރަތުކުރުމަށް ހިތްވަރު ދޭންވާނެ އެވެ. މީގެ ސަބަބުން ކުއްޖާގެ ސްޓްރެސް ފިލުވައިދީ އެންޒައިޓީގެ އިހުސާސްތަކުން ދުރުކޮށްދިނުމަށް އެހީތެރިވާނެ އެވެ. އޮންލައިން ކްލާސްތަކާއި އެކުވެސް ކުއްޖާއަށް ގޭގައި ބޯހަމަޖައްސާލާ އަރާމުކޮށްލަން ހިތްވަރުދީ، އެކަން ޔަގީންކުރަންވާނެ އެވެ.