މަދު ބަޔަކު ނުކުމެ، ޗައިނާ އާ ދެކޮޅަށް މާލޭގައި މިއަދު އަޑުއުފުލައިފި އެވެ.
ބޮޑުތަކުރުފާނު މަގުގައި ހެންވޭރު އާޓިފިޝަލް ބީޗް ކައިރީގައި ހުންނަ ޗައިނާ އެމްބަސީ ދޮށަށް އެއްވި ވިއްސަކަށް ޒުވާނުން ވަނީ ޗައިނާ ދެކޮޅަށް އަޑު އުފުލާފަ އެވެ. އެގޮތުން އެ މުޒާހަރާގައި ބައިވެރި ބައެއް ބުނެފައި ވަނީ ޗައިނާއަކީ ލޯނު ޝާކެއް ކަމަށާއި އެ ގައުމުން ދަނީ ބިން ފޭރެމުން ކަމަށެވެ. އަދި ޗައިނާގެ ނުފޫޒު ހުއްޓަވަން ޖެހޭ ކަމަށް ވެސް އެ ޒުވާނުން ދިޔައީ ގޮވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޗައިނާއިން ރާއްޖެ ނަގާފައިވާ ލޯނުތަކާ ގުޅިގެން އެ ޒުވާނުން މުޒާހަރާކުރީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އެންގުމުންނެވެ.
އެހެން ނަމަވެސް އެހާ ގިނައިރުތަކެއް ނުވެ އެ މުޒާހަރާ ވަނީ ނިންމާފަ އެވެ.
އެ މުޒާހާރާއަށް ދިޔަ މީހުން ތިބީ އަތުން ލިޔެފައިވާ ބޯޑުތަކެއް ހިފައިގެންނެވެ. ފުލުހުން ވަނީ އެ މުޒާހަރާގެ ބައިވެރިންނަށް ނުވަދެވޭ ގޮތަށް އެމްބަސީ ހުންނަ މަގު ބަންދުކޮށްފަ އެވެ.
ރައީސް މުހައްމަދު ނަޝީދު ވަނީ ކުރީގެ ސަރުކާރުން ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ރާއްޖޭ ދަރަނިވެރިވެފައިވާ ކަމަށް އެކި ދުވަސްތަކުގައި ވިދާޅުވެ ފާޑު ވިދާޅުވެފަ އެވެ. އަދި އެ ލޯނުތަކުގެ ބަދަލުގައި ރާއްޖޭގެ ވަކި ސަރަހައްދެއް ޗައިނާއަށް ދިނުމަށް އޭރު ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ވިދާޅުވެ ހަގީގަތާ ހިލާފު ވާހަކަ ފަތުރާފައިވެ އެވެ. ނަމަވެސް އާ ސަރުކާރު ހަވާލުވިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެފަދަ ކަމެއް ކޮށްފައިވާ ކަމެއް ހޯދިފައެއް ނެތެވެ.
މިސަރުކާރުން ވެރިކަމާ އައުމަށްފަހު ޗައިނާއާއި ރާއްޖެ އޮންނަ ގުޅުމަށް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އޭގެ ބަދަލުގައި މިސަރުކާރުން ގުޅުން ބަދަހިކޮށް އެކި ނަން ނަމުގައި ލޯނާއި ސިއްރު އެއްބަސްވުންތައް ހަދަމުން ދަނީ އިންޑިއާ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް "އިންޑިއާ އައުޓް"ގެ ނަމުގައި އިހުތިޖާޖުކޮށްފައިވެ އެވެ.
ޢިންޑިއާ އެމްބަސީ ކައިރީ އަޑު އުފުލިނަމަ ފުލުހުން ގޮސް ހުއްޓުވާނެ. ޗައިނާ ވީމަ އަޅާވެސް ނުލި . ބޮޑުވަރު
މިކަން ކުރަންޖެހޭ ސަބަބެއް ނޯންނާނެ، އިންޑިއާ ރުއްސަން ދޭތެރެ ދޭތެރެއިން މިކަން ކުރޭ، މިފަހަރު ބޮޑުވަޒީރު ނިބެހި ގެންގުޅޭ ކުދިންކޮޅެއް ލައްވާ މިކުރުވީ، ޗައިނާއަކީ ރާއްޖޭގެ ދާޚިލީ ކަންކަމާ ނުބެހި ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި އެހީވެދޭ ޤައުމެއް، އެއާ ޚިލާފަށް އިންޑިއާއިން އުޅެނީ، އިންޑިއާ އައުޓް.