ބަރުދަން ލުއި ކުރުމަށް އަހަރުމެންގެ ގިނަ ބަޔަކު އެކި އުކުޅުތައް ބޭނުން ކުރެ އެވެ. އެއްބަޔަކު ކަސްރަތުކޮށް ކުޅިވަރު ކުޅެ އުޅޭއިރު އަނެއްބަޔަކު ބަރުދަން ލުއި ކުރަނީ ކެއުމަށް ބަަލައިގެންނެވެ. ދެކަން އެއްވަގުތެއްގައި ކުރުމަކީ ނަތީޖާ އަވަސްވާ ކަމެކެވެ.
މި ކަންކަމުގެ އިތުރުން ވެސް ބަރުދަން ލުއި ކުރުމަށް ވަރަށް ފަސޭހައިން ކުރެވޭނެ ބައެއް ކަންކަން އެބަހުރެ އެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ އެފަދަ ބައެއް ކަންކަމަށެވެ.
ލަސްލަހުން ކެއުން
ރަނގަޅަށް ހަފައިގެން ލަސްލަހުން ކެއުމަކީ އަވަހަށް ބަނޑުފުރި މަދުން ކެވެން މެދުވެރިވާ ކަމެއްކަމުގައި ދިރާސާތަކުން ދައްކަ އެވެ. އެހެން ކަމުން ބަރުދަން ލުއިކުރަން މަސައްކަތް ކުރާނަމަ ލަސްލަހުން ކާން އާދަ ކުރާށެވެ.
ކުދި ތަށި ބޭނުން ކުރުން
ކެއުމުގައި ކުދި ސައިޒުގެ ތެލިތަށި ގެންގުޅުމަކީ މަދުން ކެއުމަށް އެހީވެދޭނެ ކަމެކެވެ. ބޮޑު ތައްޓެއްގައި ކާނަމަ ގިނައިން ކެވުމުގެ ފުރުސަތު ބޮޑުވާނެ އެވެ. އެއާ ޚިލާފަށް ކުދި ތަށިތަކުގައި ކެވޭވަރު މަދުވާނެ އެވެ.
ގޭގެ ކާނާ ކެއުން
ރެސްޓޯރެންޓްތަކުން ކެއުުމުގެ ބަދަލުގައި ގޭގައި ކައްކައިގެން ކާން އާދަ ކުރާށެވެ. ޚަރަދު ކުޑަވުމުގެ އިތުރުން ސިއްހަތަށް ވެސް ފައިދާ ކުރާނެ އެވެ. ރެސްޓޯރެންޓުތަކުން އާއްމުކޮށް ކެވޭނީ ސިއްހަތަށް އެހާ ރަނގަޅު ނޫން ކެއުންތަކަށް ވާތީ އެވެ.
މިއީ ނިސްބަތުން ވަރަށް ކުޑަ ނަމަވެސް ބަރުދަން ލުއި ކުރުމުގައި ވަރަށް ބޮޑު އެހީތެރި ކަމެއް ލިބިދޭނެ ކަމެކެވެ. އެހެން ކަމުން މި ކަންކަމުގެ އަޖުމަ ބަލާލާށެވެ.