ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ރައްޔިތުން ޖޫރިމަނާ ކުރުން ފިޔަވައި އިތުރު ކަމެއް ދަސްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފި އެވެ.
ރައީސް ސޯލިހު އެ ނޫން ގޮތަކަށް އާމްދަނީ ހޯދަން ދަސްކުރުމަށް ޑރ. ޖަމީލް ގޮވާލެއްވީ ގަވާއިދާ ހިލާފަށް ޕާކުކުރާ ނަމަ ލައިސަންސުން ޕޮއިންޓް އުނިކޮށް އަދި ލައުސަންސް ބާތިލް ކުރެވޭ ގޮތަށް ހަމަޖައްސައު ސަރުކާރުން އެކަން އިއުލާނު ކުރުމާ ގުޅުވައިގެންނެވެ.
ޑރ. ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މި ސަރުކާރުން ސްޓިކާ ޖަހާ ލައިސެންސް ބާތިލުކުރާ ވާހަކަ ދައްކާއިރު ޕާކް ކުރެވޭނެ ރަނގަޅު އިންތިޒާމެއް ހަމަޖައްސާފައި ނުވާކަމަށާއި ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމުކޮށްފައި ނުވާކަމަށެވެ.
އެފަދަ މައްސަލަތަކުގެ ހައްލު ހޯދަން ރައްޔިތުންގެ އަޑު ރައީސް ސޯލިހަށް އިއްވުމަށް އިތުރަށް މަސައްކަތް ކުރަންޖެހިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އާންމުކޮށް އަމަލު ކުރަން ފެށި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އާ ގަވާއިދުގައި ބުނެފައި ވަނީ ކޮންމެ ލައިސަންސެއްގައި 100 ޕޮއިންޓް ހިމެނޭއިރު، ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު ލައިސަންސް އިން ޕޮއިންޓް އުނިކުރެވޭނެ ކަމަށެވެ. އެގޮތުން ގަވާއިދާ ޚިލާފަށް ޕާކްކޮށްގެން ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކު ލައިސަންސުން ފަސް ޕޮއިންޓް އުނި ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
މީގެ އިތުރުން ވަންވޭއާ އިދިކޮޅަށް ދުއްވުމާއި ޓްރެފިކް ލައިޓާ ޚިލާފަށް ދެ ފަހަރަށް ވުރެ އިތުރަށް ދުއްވައިފި ނަމަ، ކޮންމެ ފަހަރަކު 10 ޕޮއިންޓް އުނި ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި އެ ނޫން ކަންކަމުގައި ވެސް، ދެ ފަހަރަށް ވުރެ އިތުރަށް އެކަން ތަކުރާރު ކޮށްފި ނަމަ 10 ޕޮއިންޓް އުނި ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
އަލަށް އަމަލު ކުރަން ފެށި ގަވާއިދުގައި ބުނެފައިވާ ގޮތުން ލައިސަންސަށް ދީފައިވާ ޕޮއިންޓް ހުސްވުމުން އޮޓަމެޓިކުން އެ ލައިސަންސެއް ބާތިލުވެގެންދާނެ އެވެ. ލައިސަންސް ބާތިލުމުވުން އަލުން ލައިސަންސް ހެއްދޭނީ 180 ދުވަސް ފަހުން ކަމަށާއި އަލަށް ލައިސަންސް ނަގާއިރު ހަދާ ހުރިހާ އިމްތިހާނުތަކުން ފާސްވެގެން ކަމަށް އެގަވާއިދުގައި ވަނީ ބުނެފަ އެވެ.
ނުރައްކާތެރިކޮށް ދުއްވާ ހާލަތްތަކުގައި ވެސް ލައިސަންސުން ޕޮއިންޓް އުނި ކުރެވޭ ގޮތަށް އެ ގަވާއިދުގައި ހިމަނާފައިވެ އެވެ. އަދި ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވުމުގެ ކުށް ދެ ފަހަރު ތަކުރާރުކޮށްފި ނަމަ، 48 ގަޑިއިރަށް ލައިސަންސް ހިފެހެއްޓޭ ގޮތަށް ވެސް އެ ގަވާއިދުގައިވެ އެވެ. އެކްސިޑެންޓްގެ މައްސަލަތަކުގައި ތަހުގީގުގެ ބޭނުމަށް ހަތް ދުވަހަށް ލައިސަންސް ހިފެހެއްޓޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވާ މީހުންނާއި އެ އުޅަނދެއްގެ ވެރިފަރާތް ވެސް ޖޫރިމަނާ ކުރެވޭނެ ކަމަށް އާ ގަވާއިދުގައިވެ އެވެ. އަދި ލައިސަންސް ނެތި ދުއްވާ އުޅަނދުތައް ވެސް 15 ދުވަހަށް ހިފެހެއްޓޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.