ކުއަލަލަމްޕޫރު (15 ޖުލައި) - މެލޭޝިއާ އިން ޖެހިޖެހިގެން ތިން ދުވަހު ރެކޯޑު އަދަދަކަށް ކޮވިޑް 19ގެ ކޭސްތައް އިތުރުވެއްޖެ އެވެ. ބުރާސްފަތި ދުވަހު އެ ގައުމުން 13،215 ކޭސް ފެނިފައި ވާއިރު، މިއީ އޭގެ ކުރީ ދުވަހާ އަޅާބަލާއިރު ގާތްގަނޑަކަށް 2،000 ކޭސްގެ އިތުރުވުމެކެވެ.
މެލޭޝިއާގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދިއުާމާއެކު އެ ގައުމުގެ އިސް ސިއްހީ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިހާރު އެ ގައުމުގައި ފެތުރެމުންދާ ޑެލްޓާ ވޭރިއަންޓަކީ މަދު ސިކުންތު ކޮޅަކަށް ނަމަވެސް ކޮންޓެކްޓް ވެއްޖެ ނަމަ ގައިން ގަޔަށް އެރުމުގެ ފުރުސަތު އޮންނަ ހަލުވިކަމާއެކު ފެތުރޭ ވޭރިއަންޓެއް ކަމަށެވެ.
މެލޭޝިއާގައި ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލޮކްޑައުން އިއުލާނު ކޮށްފައިވީ ނަމަވެސް ކޮވިޑްގެ އަދަދުތައް އައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ހާލަތު އެންމެ ގޯސްވެފައިވާ ސެލަންގޯރުގައި ދުވާލެއްގެ މައްޗަށް 6،000 އަށްވުރެ ގިނަ ކޭސް ފެންނައިރު މިއީ މުޅި ގައުމުގެ ހިސާބުތަކަށް ބަލާއިރު ދެބައިކުޅަ އެއްބަ އެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވެ، މެލޭޝިއާގެ ސިއްހީ އިދާރާތަކަށް ވަނީ ނުކަތާފަ އެވެ. އެގޮތުން އެ ގައުމުގެ ހޮސްޕިޓަލްތައް ފުރި ޓޫރިސްޓް ހޮޓެލްތަކުގެ ގޮތުގައި ބޭނުންކުރި އިމާރާތްތައް ކޮވިޑް ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރަން ވަނީ ފަށައިފަ އެވެ.
ހާލަތު ގޯސްވަމުން ދިއުމާއެކު ވެސް ސަރުކާރުން ވަނީ ވެކަސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ލުއިތައް ދިނުމަށް ނިންމާފަ އެވެ. ނަމަވެސް މި ނިންމުމާމެދު އެ ގައުމުގެ ސިއްހީ އާފިޝަލުންނާއި ޑޮކްޓަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެ އިތުރުން ސަރުކާރުން ވަނީ ވެކްސިން ކެމްޕޭންތައް ވެސް އިތުރަށް ފުޅާކުރުމަށް ނިންމާފަ އެވެ. އެގޮތުން އާއްމު ބަލިތަކަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް އަންނަ 60 އަހަރުން މަތީގެ ހުރިހާ މީހުންނަށް ވެކްސިން ދިނުމަށް ވަނީ ނިންމާފަ އެވެ.
މެލޭޝިއާގެ ސަރުކާރުން ބުނިގޮތުގައި މި ވަގުތަށް ބޭނުންވާ ވަރަށް ފައިޒާ ވެކްސިން އެ ގައުމުގައި ހުރި އިރު އާއްމުންނަށް ދިނުމަށްޓަކައި ބޭނުން ކުރާނީ އެ ވެކްސިނެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް