ބޮލީވުޑްގައި ނެޕޮޓިޒަމް އޮތްނަ ވާހަކައަކީ އަބަދުވެސް ދެކެވޭ، ފަޑުނުވާ ވާހަކައެކެވެ. ފިލްމީ ބެކްގްރައުންޑުން އިންޑަސްޓްރީއަށް ތައާރަފުވާ ފަންނާނުންނަށް ލިބޭ ގިނަ ފުރުސަތުތައް އެހެން ފަންނާނުންނަށް ލިބެނީ މަދު ފަހަރަކު އެވެ.
ޕްރޮޑިއުސަރުންގެ ޗޮއިސްއަކަށް ފިލްމީ އާއިލާއިން އަންނަ ފަންނާނުން ވެފައިވަނީ އެ މީހުންނަށް ލިބޭ ގެއްލުން ކުޑަވާތީ އެވެ. އިންޑަސްޓްރީއާ ގުޅޭ ފަރާތެއްގެ އާއިލާ އިން ނުވަތަ އެއިން މީހެއްގެ ދަރިއެއްގެ ފިލްމެއް ފުލޮޕްވިއަސް އޭގެ ބަދަލު އާއިލާގެ ފަރާތުން ދޭނެކަން ޔަގީނެވެ.
މި ތަރިންނަކީ އެކި ރޮނގުރޮނގުން (ނެށުމާއި އެކްޓިން) ކޯސްތައް ހަދާ ތަމްރީނު ލިބިފައިވާ ތަރިން ކަމަށް ވިޔަސް އިންޑަސްޓްރީއަށް ނިސްބަތްނުވާ ތަރިންނަށް އިތުރު ތަމްރީނުތަކަށް ހަރަދު ކުރެ އެވެ.
ސްޓާރުންގެ ކުދިންގެ ފިލްމެއް ޕްރޮމޯޓްކުރަން ވެސް ހަރަދެއްނުދާނެ އެވެ. އެ ދާއިރާގައި ފުއްނާބު އުސް ތަރިން ކަމަށްވާ ޝާޚުރުކް ޚާނާއި އަކްޝޭ ކުމާރުމެން ކަހަލަ މީހުން ސޯސަލް މީޑިއާގައި ޕޯސްޓެއް ކޮއްލުމުން އެ ނިމުނީ އެވެ. އެ ފިލްމު ކިތައްމެ ހަޑިއަސް ހިޓަކަށް ވާނެ އެވެ.
ނެޕޮޓިސަމްގެ ޒިންމާ ހަމައެކަނި ޕްރޮޑިއުސަރުންގެ ބޮލުގައި ވެސް އެޅުވޭކަށް ނެތެވެ. ފިލްމު "ޕަދްމާ ވަތްގާ" ގައި ދީޕިކާ ޕަޑްކޯން، ވިކީ ކޮއިޝަލްއާ އެކީ މަސައްކަތްކުރަން ދެކޮޅު ހެދީ އޭނާއަކީ އިންޑަސްޓްރީއަށް އަލަތް ނުކުތް މީހުންގެ މަގުބޫލްކަން އެހާ ބޮޑަށް ލިބިފައި ނުވާ ތަރިއަކަށް ވުމުންނެވެ. އެ ރޯލް ފަހުން ކުޅެފައި ވަނީ ޝާހިދް ކަޕޫރެވެ.
މުޅި ބޮލީވުޑް އިންޑަސްޓްރީ ބިނާ ވެފައި މިއޮތީ ނުފޫޒުގެ މައްޗަށް ކަމަށް ވާއިރު މި ކަން ނިމުމަކަށް ގެނެސްގެން ނޫނީ ގާބިލްހުރި ހުނަރުވެރި ތަރިންތަކެއް ނުފެންނާނެ އެވެ.