އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ރައްޔިތުންގެ ދިރިއުޅުން ވޭނަކަށް ބަދަލުވާ ކަމަށް ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ އާމްދަނީ މަދުވެ، ދައުލަތުގެ ޚަރަދުތައް ބޮޑުވެފައިވާއިރު، ސަރުކާރުން ލޯނުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ހޯދާދާތީ އެކަމަށް އިޝާރާތްކުރައްވައި، އިދިކޮޅު އިއްތިހާދުގެ މުސްތަޝާރު ޑރ. ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ދިވެހިންނަށް މިހާރު ރާއްޖޭގައި އޮތް މައިގަނޑު ދެ ސިޔާސީ ފިކުރުގެ ތަފާތު ދަސްވެއްޖެ ކަމަށެވެ. އަދި އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު އުޅޭ ގޮތުން، މިނިވަންކަން ގެއްލޭ ކަމަށާއި، ގައުމުގެ ދަރަނި އެތައް ގުނައެއް އިތުރުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޑރ.ޖަމީލު މިހެން ވިދާޅުވި އިރު، ސަރުކާރުންދަނީ އެކި ކަންކަން ކުރުމަށް އިންޑިޔާއިންނާއި ބޭރުގެ އެކިއެކި މާލީ އިދާރާތަކުން ގިނަ އަދަދެއްގެ ފައިސާ ލޯނުގެ ގޮތުގައި ނަގަމުންނެވެ. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް 520 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.
ޑރ.ޖަމީލު ވިދާޅުވީ ދިވެހިން ބޭނުންވާނީ ބުރިޖުއަޅައި، ތަރައްގީގެ މަޝްރޫއުތައް ހިންގައި، އެއްވެސް ބައެއްގެ ފައިބުޑަށް ނުވެއްޓުން ކަމަށެވެ. މިފަދައިން ޖަމީލު ވިދާޅުވިއިރު މިހާރުގެ ސަރުކާރު ވަރަށް ބޮޑަށް އިންޑިޔާއަށް ބަރޯސާވާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރަށް ލައްކަ ދުވަހު ބަހަނާއާއި އުޒުރު ދެއްކިއްޖެ ކަމަށެވެ. ނަމަވެސް ފެންނަނީ ވެރިކަމުގައި މިއަދު ތިބީ ކޮންމެ ގޮތެއްވެސް ހެޔޮ ބައެއްކަން ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މި ވެރިކަން ނިމޭއިރު ދިވެހިންގެ ދިރިއުޅުން މިއިން ޒަމާނެއްގައި ދަށަށް ނުދާ މިންވަރަށް ދަށަށް ދާނެ ކަމަށެވެ. އަދި އެތައް ބަޔަކު ޙާލުގައި ޖެހިގެންދާނެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި މާތްﷲގެ އިރާދަފުޅާއެކު ހާލަތު ބަދަލުކުރެވޭނެ އެވެ. އަދި އެ ހާލަތު ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.
"ވަކި ބަޔަކަށްވުރެ، ނުވަތަ ވަކި ބަޔަކަށް، ފަރުދަކަށްވުރެ ގައުމު މާ ބޮޑުވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.