މިފްކޯއިން މަސްވެރިންގެ އަތުންގެ މަސް ގަންނަ ގަންނަ އަގު މިއަދުން ފެށިގެން އަނެއްކާ ވެސް ދަށްކޮށްފި އެވެ.
މިއީ ސަރުކާރުން މަސް ގަންނަ އަގު ކަނޑައެޅިފަހުން މިފްކޯއިން އަގަށް ބަދަލު ގެނައި ދެވަނަ ފަހަރަވެ. އެންމެ ފަހުން އެ ކުންފުނިން މަސް ގަންނަ އަގަށް ބަދަލު ގެނައީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.
ސަރުކާރުގެ މަސް ކުންފުނިން މަސް ގަންނަ އަގަށް ގެނައި ބަދަލާ އެކު ކުރިން ގަންނަމުންދިޔަ އަގަށް ވުރެ ވަނީ ކިލޯއަކުން ދެ ރުފިޔާ ކުޑަކޮށްފަ އެވެ.
މީގެ ކުރިން ފިނިކުރި މަސް، 1.5 ކިލޯއިން މަތީގެ މަހާ ކަންނެލި ކިލޯއެއް ގަންނަމުން ދިޔައީ 18 ރުފިޔާ އަށެވެ. އަދި ފިނި ނުކުރާ މަސް ކިލޯއެއް ގަންނަމުން ދިޔައީ 16 ރުފިޔާ އަށެވެ. ނަމަވެސް މިއަދު އަގަށް ގެނައި ބަދަލާއެކު މިފްކޯގެ ސައިޓްތަކަށާއި ބޯޓްފަހަރަށް މަސްކިލޯއެއް ގަންނަމުންދާނީ 16 ރުފިޔާ އަށެވެ. އަދި އައިސް ނާޅާ މަސް ގަންނަނީ 14 ރުފިޔާ އަށެވެ. މީގެ އިތުރުން 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ ކިލޯއެއް ނުވަ ރުފިޔާ އަށެވެ. 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ފިނިނުކޮށް ގަންނަނީ ހަތް ރުފިޔާއަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިމަހުގެ ވިހި ވަނަ ދުވަހު މިފްކޯއިން ވަނީ މަސްގަންނަން ގެންގުޅޭ ކޮންޓްރޯލް އަގު ދޫކޮށްލާފަ އެވެ. އެއާއެކު ފިޝަރީޒް މިނިސްޓްރީން ވަނީ ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަ މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިޒް އިއުލާންކޮށްފަ އެވެ.
މިގޮތުން 1.5 ކިލޯ އަށްވުރެ ބަރު މަހާއި ކަންނެލި ކިލޯއެއް ގަނެވޭނެ އެންމެ ދަށް އަގަކީ 13 ރުފިޔާކަމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި 1.5 ކިލޯއަށްވުރެ ދަށް މަހާއި ކަންނެލި ކިލޯއެއްގެ އެންމެ ދަށްކޮށް ގެނެވޭނެ އަގަކަށް ހަމަޖައްސާފައިވަނީ 5 ރުފިޔާ 15 ލާރިއަށެވެ.
މިފްކޯއިން ބުނެފައި ވަނީ މަސް ގަންނަ އަގު ކަނޑައަޅާފައި ވަނީ ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ބެލުމަށްފަހު ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް ބަދަލު އަންނައިރަށް މިފްކޯ އިން ވެސް މަސް ގަންނަ އަގު ބަދަލުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެ، ދުވާލަކު 300 އާއި 250 ޓަނާ ދެމެދުގެ އަދަދަކަށް މަސް ކިރުވާ ކަމަށް މިފްކޯ އިން ބުންޏެވެ.