ކުރީގެ ސަރުކާރުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން އެއްވެސް މީހަކަށް ކަނޑައަޅާފައި ނުވާ ފެލްޓްތަކަށް ގުރުއަތުން ހޮވިފައިވާ ކަމަށް ބުނެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ފޭކް ކޯލްތަކެއް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫޢުއިން ފުލެޓް ލިބިފައިވާ ފަރާތްތަކަށް އެ ކޯޕަރޭޝަނުގެ ނަމުގައި ގުޅަމުންދާ ކަމަށެވެ. އަދި ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކަށް ފުލެޓު ގުރުއަތުން ލިބޭ ފުލެޓު ކަނޑައެޅުމަށްފަހު ގުރުއަތުން އެއްވެސް ފަރާތަކަށް ކަނޑައެޅިފައިނުވާ ފުލެޓުތަކަށް ހޮވިފައިވާކަމަށް ބުނެ އެ ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް ނުގުޅާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން އެޗްޑީސީގެ ބަޔާނުގައި ބުނެފައި ވަނީ އެ މަޝްރޫޢުގެ ދަށުން ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށް އަމަލުކުރަމުންދާ އުޞޫލަކީ، ފްލެޓްގު ރުއަތު ނެގުން ހަމަޖެހިފައިވާ ތާރީޚް އަދި އެދުވަހެއްގެ ގުރުއަތުގައި ފްލެޓް ކަނޑައެޅޭނެ ފަރާތްތައް ހިމެނޭ ލިސްޓު އާންމުކޮށް އަންގާ އިޢުލާނުކުރުމަށްފަހު، ޓީ.ވީގެ ޒަރިއްޔާއިން ގެނެސްދެވޭ ލައިވް ޕްރޮގްރާމެއް މެދުވެރިކޮށް ގުރުއަތު ނެގުން ކުރިއަށް ގެންދިއުން ކަމަށެވެ.
"އެހެންކަމުން ގުރުއަތުން ފްލެޓް ލިބިފައިވާ ފަރާތްތަކާއި، ފްލެޓް ލިބިފައި ނުވާ އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް، ލިބިފައިވާ ފްލެޓްގެ ތަފްސީލް ހިއްސާ ކުރުމަށް ނުގުޅާނެ ކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަން،" އެޗްޑީސީގެ އިއުލާނުގައި ވެ އެވެ.
އެކަން ކުރާނީ އާންމު އިޢުލާނެއްގެ ޒަރިއްޔާއިން ނުވަތަ އެ ކޯޕަރޭޝަނުގެ މީސްމީޑިއާ ޕޭޖުތައް މެދުވެރިކޮށް ކަމަށް އެޗްޑީސީއިން ހާމަކުރެ އެވެ.
އެޗްޑީސީން ބުނ މިފަދަ ކަމެއްގައި އެޗްޑީސީގެ ފަރާތުން ގުޅާނަމަ ބޭނުން ކުރާނީ އެ ކޯޕަރޭޝަނުގެ ރަސްމީ ނަންބަރުތައް ކަމަށެވެ. އެހެންކަމުން އޮޅުވާލައިގެން އެ ކޯޕަރޭޝަނުގެ ނަމުގައި ކުރާ ކޯލުތަކަށް ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.