ބޮލީވުޑްގެ ނަން މަޝްހޫރު ފަންނު ކަރަންޖީތު ކޯރް ނުވަތަ އެންމެން ދަންނަ ނަމުން ނަމަ ސަނީ ލިއޯން އަކީ އަބަދުވެސް ފިޓުކޮށް ހުރުމަށް ލޯބި ކުރާ ފަންނާނެކެވެ. އަދި ހަށިގަނޑު ބައްޓަން ކުރުމަށް ކުރާ ކަސްރަތުތައް ގަވައިދުން އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާ ކުރެ އެވެ.
މީގެ ކުރިންވެސް ސަނީ ލިއޯން ވަނީ ފައިގެ އާއި އުނަގަނޑުގެ ވަރުގަދަ ކަސްރަތުތައް ކޮށްފަ އެވެ. އެހެން ނަމަވެސް އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު ޕޯސްޓު ކޮށްފައި ހުރި ފޮޓޯއަކުން ފެންނަނީ ފިޓްނެސްގެ މުޅިން އާ ކަމެއްގައި މަސްއޫލުވެގެން އުޅޭ ތަނެވެ.
މިހާރު ލޮސް އޭންޖެލަސްގައި ހުރި ސަނީ ލިއޯން ބޮކްސިން ކްލާސްތަކުގައި ބައިވެރިވާން ފެށިތާ އަދިވާނީ ދެ ދުވަހެވެ. އޭނާ ދަނީ ހަށިގަނޑު ވަރުގަދަކޮށް ބެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތް އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ. އެގޮތުން ބައެއް ވޯކްއައުޓް ތަކުގެ "ހާޑް" ކަމުން މޫނު ވެސް ރަތްވެފައިވާ ކަމަށާއި އެހެން ނަމަވެސް މި އާ ފިޓްނެސްގެ ދަތުރާ މެދު ހިތްހަމަޖެހޭ ކަމަށް ބުނެފައިވެ އެވެ.
އިންޑިއާގައި ހަލުވި ކަމާއި އެކު ކޮވިޑް-19 ފެތުރެން ފެށުމުން ސަނީ ވަނީ އޭނާގެ ފިރިމީހާ ޑެނިއަލް ވެބްސްޓާ އާއި ދެ ދަރިން ގޮވައިގެން ލޮކްޑައުންގެ ތެރޭގައި އިންޑިއާ ދޫކޮށް ލޮސް އޭންޖެލިސް އަށް ގޮސްފަ އެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އެކޮޅުގައި މަޑުކޮށްފާނެ ކަމަށާއި އެހެން ނަމަވެސް އާންމު ހާލަތަށް ދިއުމުން ފަހަރެއްގައި އަނބުރާ އިންޑިއާއަށް އައިސްފާނެ ކަމަށް ބައެއް އިންޓަވިއުތަކުގައި ބުނެފައިވެ އެވެ.