ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި އުފެދިފައިވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ދެމެދުގައި އުފެދުނު އަރައިރުމަކާ ހެދި، އިންކަމް ޓެކްސް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލަށް މިއަދު ވޯޓަށް ނާހައި ލަސްކުރަން ޖެހިއްޖެ އެވެ.
މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދިރާސާކޮށްް އަދި އޭގެ ފަހުން މުޅި މަޖިލީހުގެ ކޮމިޓީން ވެސް ދިރާސާކޮށް ނިންމައި، މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި އެ ބިލަށް ވޯޓަށް ނޭހުނީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރު، ވޯޓުގެ ވަގުތު ޖަލްސާ އަށް ވަޑައި ނުގަންނަވާތީ ކޯރަމް ހަމަނުވުމުގެ ސަބަބުންނެވެ.
ރައީީސް ސޯލިހު ފެކްޝަނުގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ވޯޓުގެ ގަޑީގައި ޖަލްސާގައި ބައިވެރިވެވަޑައި ނުގެންނެވި މެމްބަރުން އެގޮތަށް ކަންތައް ކުރެއްވީ ގަސްދުގައި ބިލު ފެއިލްކޮށްލުމުގެ ބޭނުމުގަ އެވެ. މީގެ އިތުރުން ރައީސް ސޯލިހުގެ ފެކްޝަނުން ތުހުމަތު ކުރެއްވި ގޮތުގައި ނަޝީދުގެ ފަޅީގެ މެމްބަރުން އެގޮތަށް ކަންތައް ކުރެއްވީ ނަފުރަތު އުފެއްދުން ކުށަކަށް ހަދާ ބިލަށް މާދަމާ ފާސް ނުކުރެވޭ ގޮތަކަށް، "ސަަރުކާރަށް ތާއީދުކުރާ މެމްބަރުން" މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތާ އެކުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން،ޓެކްސްއާ ގުޅޭ ބިލްތަކާއި ސީދާ ގޮތެއްގައި ރައްޔިތުން އަމަލުކުރަން ޖެހޭ ގާނޫނުތަކުގެ ބިލްތަކަށް ވޯޓަށް އެހޭނީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ބައިވެރިވާ ޖަލްސާތަކުގަ އެވެ. މަޖިލީހުގެ ޖުމުލަމެމްބަރުންގެ އަދަދަކީ 87 ކަމަށް ވާތީ އެ އަދަދު ހަމަވާނީ 44 މެމްބަރުން ވޯޓު ގަޑީގައި ޖަލްސާގައި ތިއްބަވައިގެންނެވެ.
ނަމަވެސް މިއަދުގެ ވޯޓު ގަޑީގައި މަޖިލީހުގައި ވަޑައިގެން ތިއްބެވީ 39 މެމްބަރުންނެވެ. އެހެންވެ، އިންކަމް ޓެކްސް ގާނޫނަށް ބަދަލު ގެންނަ ބިލު ހިމެނޭ ގޮތުން ތިން ބިލެއް ދޫކޮށްލަން ޖެހުނީ ވޯޓަށް ނާހަ އެވެ.
ބައެއް މެމްބަރުން ތުހުމަތު ދޮގުކުރައްވާ އެމްޑީޕީގެ 15 މެމްބަރަކު މިއަދުގެ ވޯޓުގެ ގަޑީގައި މަޖިލީހުގެ ތަޅުމަށް ވަޑައިނުގަތީ ބިލް ފާސްކުރުން ލަސް،ކުރަން ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ތުހުމަތު ކުރައްވަ އެވެ. އެ ގޮތަށް ތުހުމަތުވި ބައެއް މެމްބަރުން ވަނީ އޮންލައިން ނޫސް "މިހާރު"އަށް އެކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ ލިސްޓުގައި ނެތް އެތައް މެމްބަރަކު ވެސް މިއަދުގެ ވޯޓުގެ ގަޑީގައި ޖަލްސާގައި ވަޑައިގެން ނެތްކަން ކަށަވަރުވެފައިވާ ކަމަށް ވެސް އެ ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ލިސްޓުގައި ހިމަނާފައިވާ މެމްބަރުންގެ ތެރެއިން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އޭނާ އަށް ޖަލްސާއަށް ވަޑައިނުގެންނެވުނީ އެހެން ސަބަބަކާ ހެދި ކަމަށެވެ. އިންކަމް ޓެކްސްގެ ގާނޫނަށް ގެންނަ ބަދަލު ގެންނަ ބިލު ލަސްކުރަން ޖަލްސާ އަށް ވަޑައި ނުގެންނެވުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް އިމްތިޔާޒު ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވިގޮތުގައި، އިންކަމް ޓެކްސް ބިލާ ގުޅުވައިގެން މިނިސްޓަރުންނަށް ރިޝްވަތުގެ ތުހުމަތު ކުރެވޭ ވާހަކަ ބައެއް މެމްބަރުން ދައްކަވާ އަޑު އޭނާ ވެސް ވަނީ އައްސަވައިފަ އެވެ. އެކަމަކު ބައެއް ނޫސްތަކުގައި މިހާރު ވެސް ޖަހާފައިވާ ލިސްޓުގައި ނެތް އެތައް މެންބަރުންނެއް ވެސް ޖަލްސާ އަށް ވަޑައި ނުގަންނަވާ ކަމަށް އިންތި ވަނީ ވިދާޅުވެފަ އެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އާ ހަވާލާދީ އޮންލައިން ނޫހަކުން ގެނެސްދިން ރިޕޯޓުގައި ބުނީ، އިންކަމް ޓެކްސް ބިލް މިއަދު ފާސްކުރުމާ އޭނާ ދެކޮޅު ކަމަށެވެ. އެއީ ވިތްހޯލްޑިން ޓެކްސް 10 ޕަސެންޓުން ފަސް ޕަސެންޓަށް ދަށްކުރަން އެ ބިލުގައި ހިމަނާފައި އޮތީ މިނިސްޓަރަކު ރިޝްވަތު ނަންގަވައިގެން ކަމަށް އާއްމުންގެ ތެރެއިން ބަޔަކު ތުހުމަތު ކުރާތީ ކަމަށެވެ. އަދި ވިދާޅުވީ ބައެއް މީހުން އެ ބިލް ސިފަކުރަނީ "ރިޝްވަތުގެ" ބިލުގެ ގޮތުގައި ކަމަށާއި އެހެންވެ، އެ ތުހުމަތު ތަހުގީގުނުކޮށް ބިލް ފާސްކުރަން ބޭނުން ނުވާ ކަމަށެވެ.