ނަފްތަރު އުފެއްދުމަކީ ކުށެއް ކަމަށް ކަނޑައަޅަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހު މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ފަހު ނަގައިފި އެވެ.
މަޖިލީހުގެ އިދާރާއިން މިބިލް އެޖެންޑާއިން ނެގި ސަބަބެއް ހާމައެއް ނުކުރެ އެވެ. ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެމްބަރުން ތެރޭގައިވެސް މިބިލާ މެދުގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ. މިބިލަށް ތާއީދު ކުރައްވަނީ ރައީސް ނަޝީދުގެ ވަފާތެރި މެމްބަރުން އެކަނިކަން މައުލޫމާތު ލިބެ އެވެ.
މިބިލާއި ދެކޮޅަށް މަޖިލީހުގައި ހިމެނޭ 10 މެމްބަރަކު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފަ އެވެ. އަދި މިސަރުކާރުގެ ކޮލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި އެމްއެމްއާރު އަދި ޖޭޕީއިންވެސް މިބިލަށް ދެކޮޅު ހަދަމުން އަންނައިރު އިދިކޮޅު ޕާޓީވެސް މި ބިލަށް ވަނީ ދެކޮޅު ހަދާފަ އެވެ.
މަޖިލީހުގެ 10 މެމްބަރުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ނަފްރަތުގެ އަމަލުތަކަކީ ހުއްޓުވަންޖެހޭ ކަންތައްތަކެއް ކަމަށް އެބޭފުޅުން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެ ބިލް ހުށަހަޅާފައިވާ ގޮތް ވެސް އަދި ޖުޑިޝަރީ ކޮމިޓީން މިހާރު އިސްލާހު ކޮށްފައިވާ ގޮތަށް ބަލާއިރު ވެސް އެ ބިލް ހުށަހެޅި މަގުސަދު ހާސިލުނުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
މިހާރު ހުށަހަޅާފައިވާ ގޮތަށް އެ ބިލް ފާސް ކުރުމަކީ ރައްޔިތުންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ގެއްލި ގައުމު އިތުރު ހަމަނުޖެހުންތަކެއްގެ ތެރެއަށް ދިއުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ގަބޫލު ކުރެވޭތީ މިހާރު ހުށަހަޅާފައިވާ ގޮތަށް ބިލް ފާސް ކުރުމަށް ތާއީދު ނުކުރާ ކަމަށް ވެސް އެ މެމްބަރުން ނެރުއްވި ބަޔާނުގައިވެ އެވެ.
އެ ބިލް ކޮމިޓީން ފާސްކޮށްފައި ވަނީ އިސްލާމިކް މިނިސްޓްރީ އާއި ހިއުމަންރައިޓްސް ކޮމިޝަނުން ހުށަހެޅި ގިނަ އިސްލާހުތަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
ކޮމިޓީ މަރުހަލާގައި ބޮޑެތި ކަންބޮޑުވުންތަކެއް އޮތް، ބިލު ނިންމި ގޮތާމެދު ފާޅު ކުރަމުންދާ ކަންބޮޑުވުންތައް ހައްލުކުރަން ސަރުކާރުން އެ ބިލަށް އަނެއްކާވެސް ބޮޑެތި އިސްލާހުތަކެއް އިއްޔެ ވަނީ ހުށަހަޅައިފަ އެވެ.