ސްރީލަންކާގައި 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވަން އުޅުމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން ހައްޔަރުކުރި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ އާއި އިތުރު ތިން މީހެއްގެ ބަންދަށް 10 ދުވަސް ކޯޓުން އިތުރުކޮށްފި އެވެ.
ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުން އެ މީހުނާއެކު މިމައްސަލައާ ގުޅުންހުރި 32 މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. އަދި އިތުރު 15 މީހަކު އެ ކުއްޖާއާއެކު ޖިންސީ ގުޅުން ހިންގި ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ލަންކާ ފުލުހުންގެ ތަރުޖަމާނު އަޖިތު ރޯހަނާ ވަނީ ވިދާޅުވެފަ އެވެ.
އަޝްމަލީ އަކީ ކުއްޖާގެ ބޭނުން ޖިންސީ ގޮތުން ނަހަމަ ގޮތުގައި ހިފި ކަސްޓަމަރެއް ކަމަށް ލަންކާ ފުލުހުން ބުންޏެވެ. އެ ކުއްޖާއާއެކު ގުޅުން ހިންގުމަށް އަޝްމަލީ ފައިސާ ދައްކާފައި ވަނީ ކުއްޖާ ވިއްކުމަށް ހަދާފައިވާ ވެބްސައިޓެއް މެދުވެރިކޮށް ކަމަށްވެސް ލަންކާ ފުލުހުން ބުންޏެވެ.
ނަމަވެސް އަޝްމަލީގެ ވަކީލާ ހަވާލާދީ އޭއެފްޕީން ބުނެފައި ވަނީ އޭނާ ދިޔައީ އޮންލައިނުން ފެނުނު އިސްތިހާރަކާ ގުޅިގެން ބުކްކޮށްގެން ތެޔޮ މަސާޖެއް ކުރަން ކަމަށެވެ. އަދި އެއީ އުމުރު ހަމަނުވާ ކުއްޖެއް ކަމެއް ނޭނގޭ ކަމަށް އަޝްމަލީގެ ވަކީލު ބުނެފައިވެ އެވެ.
ލަންކާ ފުލުހުން ބުނެފައި ވަނީ އަޝްމަލީއާއެކު ހައްޔަރުކުރި ލަންކާގެ ތިން މީހުންނަކީ ކުޑަކުއްޖާ ލައްވައި ހަށިވިއްކުވި ހޮޓަލުގެ ވެރިން ކަމަށެވެ. މި މައްސަލައިގައި ލަންކާގެ ވެބްސައިޓެއްގައި މިކަން އިޝްތިހާރު ކުރަން އުޅުނު ދެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ކުޑަކުދިން ބޭނުންކޮށްގެން ހަށިވިއްކުމުގެ ވިޔަފާރި، ހާއްސަކޮށް ޓޫރިޒަމް ސަރަހައްދުތަކުގައި ފުޅާވުމުން ލަންކާގައި ވަނީ ހަރުކަށި އަދަބު ލިބޭ ގާނޫނެއް 1995 ވަނަ އަހަރު ފާސްކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން ކުށް ސާބިތުވެއްޖެ ނަމަ 20 އަހަރު ޖަލު ހުކުމެއް އަންނާނެ އެވެ.
އަޝްމަލީއާއެކު އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ލަންކާގެ ބުދު ދީނުގެ ހާމުދުރަކާއި ލަންކާގެ މެދު އުތުރު ސަރަހައްދަށް ނިސްބަތްވާ، ވެރިކަންކުރާ ޕާޓީގެ ސިޔާސީ މީހެއްގެ އިތުރުން ގަހަނާގެ ވިޔަފާރިކުރާ މީހެއްގެ އިތުރުން ކަނޑުގެ ސިފައިންގެ އުޅަނދެއްގެ ކެޕްޓަނެއް ވެސް ހައްޔަރުކުރި އެވެ.