ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރު ބައިވެރިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި "އާސްކް ސުޕީކާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ "ހައެއްފަހެއް" ގެ ހަމަލާއަކީ ސަރުކާރުގެ ބައިވެރިވުން އޮވެގެން ދިން ހަމަލާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަކީ ސަރުކާރުކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. ރާއްޖޭގެ ރައީސް ކަމުގައި ހުންނެވީ އެމްޑީޕީގެ އިސްލީޑަރު ކަމަށާއި މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތްކަން ފާހަގަ ކުރައްވަމުން ވިދާޅުވީ ސަރުކާރުގެ އަތެއް ހަމަލާގައި އޮންނާނެކަން ގަބޫލު ކުރަން ވަރަށް ދަތިފުޅު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެއަށްފަހު ރައީސް ނަޝީދު ވިދާޅުވީ، ޓެރަރިސްޓު ހަމަލާގައި އަމަލީ ގޮތުން ބައިވެރިވީ ހަތަރު މީހުން ކަމަށް އެކަނި ނުވާނެ ކަމަށާއި އެ ހަމަލާ ރޭވުމުގަޔާއި ހަރަދު ކުރުމުގައި ބައިވެރިވި މީހުން ވެސް އާންމުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށާއި އެމީހުންގެ އަމާޒަކީ އެމަނިކުފާނުގެ ފުރާނަފުޅު ދުއްވާލުން ކަމަށެވެ. އެ ހަމަލާގައި ބައިވެރިވި މީހުން ނުހޯދިނއްޖެނަމަ މާލެ ތެރޭގައި އުޅުއްވަން އެ މަނިކުފާނަށް ވަރަށް އުދަގޫވާނެ ކަމަށާއި ފުލުހުނަށް އޮންނަ އިތުބާރު ވެސް ގެއްލިގެން ދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބައިވެރިވުމެއް އޮންނަ ކަމަށް އެންމެ ފުރަތަމަ ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވީ ނަޝީދުގެ ދަރިފުޅު މީރާ ނަޝީދު އެވެ. އެގޮތުން މީރާ ވަނީ ރައީސް ސޯލިހުއަށާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއަށް ވެސް ތުހުމަތުތަކެއް ކުރައްވައިފި އެވެ. އެ ތުހުމަތުތަކާ ގުޅިގެން މިހާތަނަށް ރަސްމީ އިދާރާއަކުން އެއްވެސް ރައްދެ ނުދެއްވަ އެވެ.
މީގެ އިތުރުން މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަނީ ވެސް ސަރުކާރުގެ ތެރެއިން ޓެރަރިސްޓު ހަމަލާގެ ފޯކަސް ގެއްލުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ސަރުކާރުން ހަމަލާގެ ތަހުގީގަށް އެއްބާރުލުން ނުލިބޭ ކަމަށް ވެސް ބައެއް މެމްބަރުން ތުހުމަތުކުރައްވަ އެވެ.